ENGLISH

05 ޖުލައި 2025

Advertisement

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ރާއްޖެއިން އެންމެ ކުރީސަފުގައި ދެމިތިބޭނެ: ނައިބު ރައީސް

20 މޭ 2025

|

ހަސަން އާމިރު

ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސްކަމަކީ، ދިރިއުޅުމުގެ ޙަޤީޤަތަކަށް މިހާރު ވެފައިވާއިރު، ދިމާވާ ގޮންޖެހުންތަކާއެކުވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ދިވެހިރާއްޖެއިން އެންމެ ކުރީސަފުގައި ދެމިތިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީސަފުގައި ތިބެގެން ހަރަކާތްތެރިވާންޖެހޭ ފަރާތްތަކުން، އީޖާދީ ޙައްލުތައް ހޯދުމަށް، މިހާރުގެ ޙާލަތަށްވުރެ ފުޅާކޮށް އަދި ޙާލަތުން ބޭރުން ވިސްނަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި، ޚާއްޞަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ނާޒުކުކަން ފާހަގަކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކުން ކުރިމަތިލާންޖެހިފައިވާ ހުރަސްތަކަކީ އީޖާދީ ޚިޔާލުތަކުގެ މަގެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްއަކީ ޖަޒީރާ ޤައުމުތަކަށް މަޢުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ޙަރަކާތްތައް ވިލަރެސްކުރުމަށް މުހިންމު މަންޞައެއްކަމަށް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގައި ޕޮލިސީ މާހިރުން، ޔުޓިލިޓީ ލީޑަރުން، އަދި މުޖުތަމަޢުގެ ހައްލުތަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ޖަޒީރާ ޤައުމުތަކަށް، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވުމާއި ސާފު ހަކަތައިގެ ޙައްލުތައް ތަންފީޒުކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވެގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ "ތަރޑް ނެޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) އާއެކު ފަހުން އިޢުލާނުކުރި، "2024-2033 އެނަރޖީ ރޯޑްމެޕް" ގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ޕްލޭންގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް އަމާޒެއް ކަނޑައަޅާފައިވާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޤައުމީ އެޖެންޑާގެ މައިގަނޑު އަސާސެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމާލެއްވީ، ޓެކްނޮލޮޖީގެ ދާއިރާއިން ބޭރަށް ނިކުމެ ވިސްނުމަށާއި، މުޖުތަމަޢުތަކަށް ބަދަލުގެނެވޭފަދަ، ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެފަދަ އީޖާދީ ސިޔާސަތުތަކާއި، މާލީ އެހީ ހޯދުމުގެ ނިޒާމްތަކަށް އަމާޒު ހިފުމަށް ފެލޯޝިޕް ބައިވެރިންނަށް ހިތްވަރުދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު