ENGLISH

05 ޖުލައި 2025

Advertisement

ބްލޫ ޕްލެނެޓް އެލަޔަންސްގައި ރަސްމީކޮށް ރާއްޖެ ބައިވެރިވެއްޖެ

20 މޭ 2025

|

ހަސަން އާމިރު

ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހި، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުން. --ފޮޓޯ: ރައީސް އޮފީސް

ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހި، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ދުނިޔޭގައި ފުޅާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާގައި ރާއްޖެ ބައިވެރިވެ، އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެެއްވީ އެ އިއްތިހާދުގެ ފައުންޑަރ ހޭންކް ރޮޖާސް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގައެވެ.

އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން، ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓް"ގައި ދީފައިވެއެވެ. އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް މި އެއްބަސްވުގައި ވަނީ ބާރުއަޅައިފައެވެ.

ބްލޫ ޕްލެނެޓް އެލަޔަންސްގެ މެންބަރަކަށް ރާއްޖެވުމާ ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމުގައި ރާއްޖޭން އިސްކަން ދޭނެ އެވެ. 

ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ އަމާޒެއް ކަނޑައަޅުއްވާފައެވެ. މިގޮތުން، މި އުއްމީދީ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، މި މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ވެސް މިހާރުވެސް ދަނީ ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 68 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށްފައިވާއިރު، މިފަދަ އިތުރު މަޝްރޫޢޫތައް ވެސް ދަނީ ކުރިއަށެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެމެރިކާގެ ހަވާއީ އަށް މިހާރު ވަޑައިގެން އުޅުއްވަނީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްސަ ދައުވަތަކަށެވެ. ބްލޫ ޕްލެނެޓް އެލަޔަންސް އިން އިންތިޒާމްކޮށްގެން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.  

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު