ENGLISH

05 ޖުލައި 2025

Advertisement

އިމިގްރޭޝަނާއި ކަސްޓަމްސްއަށް ވަނުމަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި

20 މޭ 2025

|

ޢަލީ ޝަހީމް

ކަސްޓަމްސްގެ އޮފިސަރުން ރަސްމިއްޔާތެއްގައި ބައިވެރިވަނީ. އެ އިދާރާއިން ވަނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފަ. ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. 

އިމިގްރޭޝަނުން ކުރި އިއުލާނުގައި ބުނީ އެ އިދާރާއަށް 50 އޮފިސަރުން ބޭނުންވާ ކަމަށެވެ. އޮފިސަރުން ހޯދުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ވޯކް އިން އިންޓަވިއު" އެކެވެ. އެ އިންޓަވިއުތައް ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިންޓަވިއުތައް ބާއްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށް ގަލޮޅު ސްކޫލުގައެވެ. 

އިމިގްރޭޝަން އޮފިސަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑ" ފާސް ލިބިފައިވުމާއެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހި ބަހުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. 

އިތުރު ޝަރުތަކަށް ބަލާއިރު އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ހާސިލްކޮށްފައިވުން ހިމެނެއެވެ. އިމިގްރޭޝަނުން ބުނީ އެ މަގާމްތަކަށް ހޯދަނީ 40 އަހަރުން ދަށުގެ މީހުން ކަމަށެވެ. 

ކަސްޓަމްސްއިން އިއްޔެ ހުޅުވާލީ 164 މުވައްޒަފުން ހޯދުމަށެވެ. އެގޮތުން އެ މުވައްޒަފުން ހޯދަނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އޮފީސްތަކަށެވެ. ވަޒީފާއަށް ކުރިމަތިލެވޭނީ 18 އަހަރާއި، މިމަހުގެ ނިޔަލަށް 30 އަހަރު ނުފުރޭ ޒުވާނުންނަށެވެ. 

ކަސްޓަމްސްގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަގާމަށް އެދި ހުށަހަޅަން ޖެހޭނީ ރެކްރޫމަންޓް ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއަށް އެދި ހުށަހެޅޭނެއެވެ. 

ކަސްޓަމްސް އޮފިސަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 5000 ރުފިޔާއެވެ. އެހެންނަމަވެސް އިތުރު އެލަވަންސްތަކާއެކު މުސާރަ ބޮޑުވެއެވެ. އެގޮތުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި 1750 ރުފިޔާ ހަމަޖައްސާފައިވާއިރު ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ދޭނެއެވެ. އަދި، ކޮއްތު އިނާޔަތުގެ ގޮތުގައި 60 ރުފިޔާއާއި އިތުރުގަޑީގެ އިނާޔާތް ދޭނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އެ ހުރިހާ އެލަވަންސްތައް އެއްކޮށްލުމުން 11،000 އަށް ވުރެ ބޮޑު އާމްދަނީއެއް އޮފިސަރުންނަށް ލިބޭނެއެވެ. 

އެ މަގާމުގެ އެއް ޝަރުތަކީ ކަސްޓަމްސްއިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުމެވެ. އޭގެ އިތުރުން، ޖީސީއީ އޯލެވެލް ނުވަތަ އެފެެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް ހޯދުން ނުވަތަ އޭލެވެލްގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހޯދުން ހިމެނެއެވެ. 

އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވެސް ވަނީ އެއާޕޯޓުގައި މަސައްކަތްކުރަން 74 އޮފިސަރުން ހޯދަން އިއުލާނުކޮށްފައެވެ. 

އެ އިދާރާތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނުކުރިއިރު، ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަނީ ވެލާނާ އިންޓަނޭޝަނަލްގެ އެއާޕޯޓް ޓާމިނަލް ހުޅުވަން ތައްޔާރުވަމުންނެެވެ. ސަރުކާރުގެ އަމާޒަކީ އާ ޓާމިނަލްގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމެވެ. 

ކިޔުންތެރިންގެ ހިޔާލު