ENGLISH

05 ޖުލައި 2025

Advertisement

ވޯލްޑް ހެލްތު އެސެމްބްލީ ޖެނީވާގައި ފަށައިފި، ރާއްޖޭން ތަޤްރީރުކުރައްވާނީ ވަޒީރު ނާޒިމް

20 މޭ 2025

|

ޢަލީ ޝަހީމް

ވޯލްޑް ހެލްތު އެސެމްބްލީގައި ވަޒީރު ޢަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީ އިއްޔެ ސްވިޒަލެންޑުގެ ޖެނީވާގައި ފަށައިފިއެވެ. 

މިއަހަރު ބާއްވަނީ ވޯލްޑް ހެލްތު އެސެމްބްލީގެ 78 ވަނަ ސެޝަނެވެ. ސެޝަން ކުރިއަށްދާނީ މެއި 19 އިން 27 ގެ ނިޔަލަށެވެ. ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 ގައުމުން މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ. 

ރާއްޖޭން ވަޑައިގެންނެވި ޓީމުގެ އިސް ބޭފުޅަކީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމެވެ. ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ތަޤްރީރުކުރައްވާނީވެސް އެމަނިކުފާނެވެ. ވަޒީރު ނާޒިމް ބައްދަލުވުމުގައި ބަޔާން އިއްވަވާނީ "ވަން ވޯލްޑް ފޯ ހެލްތު" ގެ މައުޟޫއާ ގުޅޭގޮތުންނެެވެ.

ވޯލްޑް ހެލްތު އެސެމްބަލީއަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތައް އަދި އަމިއްލަ ޖަމިއްޔާތައް ހިމެނޭހެން ދުނިޔޭގެ ޤައުމުތަކުގައި ދާއިރާގެ ގުޅުން ބަދަހިކުުރުމަށް ބާއްވާ ބައްދަލުވުމެކެވެ. 

ވޯލްޑް ހެލްތު އެސެމްބަލީގައި ސިއްޙީގޮތުން ދުނިޔެ ތަޖުރިބާކުރަމުން އަންނަ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ބައްދަލުވުމުގެ އެންމެ ޚާއްޞަ އެއް ކަމަކީ ގައުމުތަކުގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ "ދަ ޕެންޑަމިކް އެގްރީމެންޓް" ހުށަހެޅުމެވެ. ޕެންޑަމިކް އެގްރީމެންޓްގެ ބޭނުމަކީ ކޮވިޑް-19 ގެ ތަޖުރިބާއާއެކު އެފަަދަ ކަމެއް ތަކުރާރުވެއްޖެނަމަ ދުރާލާ ފިޔަވަޅު އަޅައި ރައްކާތެރިވާނެ ގޮތްތައް ހޯދުމެވެ. 

ބައްދަލުވުން ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެދަނޯމް ގެބްރެޔެސުސް ވިދާޅުވީ ޕެންޑަމިކް އެގްރީމަންޓާއެކު ދުނިޔެ ރައްކާތެރިކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. 

ވޯލްޑް ހެލްތު އެސެމްބްލީގައި މުހިއްމު ގިނަ މަޝްވަރާތަކަށްފަހު ގާތްގަނޑަކަށް 40 ނިންމުމެއް ނިންމާނެއެވެ. އޭގެތެރޭގައި ޞިއްހީ މުވައްޒަފުންގެ މަޝްވަރާއާއި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި، މޫސުމީ ބަދަލުތަކުގެ އަިތުރުން އިޖުތިމާއީ އަދި ޞިއްހީ ތަފާތު އެކި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ޖެނީވާގައި ކުރިއަށްދާ ބައްދަލުވުމުގައި ވަޒީރު ޢަބްދުﷲ ނާޒިމްގެ އިތުރުން، އދ. ގެ އޮފީހަށް ކަނޑައަޅުއްވާފައިވާ ޑރ. ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މިޝަންގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވައެވެ. އަދި، ޞިއްޙީ ވުޒާރާގެ އިސްބޭފުޅުންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު