ENGLISH

05 ޖުލައި 2025

Advertisement

މުދައްރިސުންނަށްވުރެ ޝަރަފުވެރި ޢިއްޒަތްތެރި ބަޔަކު ތަޢުލީމީ ނިޒާމުގައި ނުތިބޭނެ: މިނިސްޓަރު

19 މޭ 2025

|

ޝާމަ ޝުޢައިބު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މުދައްރިސުންނަށްވުރެ ޝަރަފުވެރި ޢިއްޒަތްތެރި ބަޔަކު ތަޢުލީމީ ނިޒާމުގައި ނުތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. 

ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގެ މުދައްރިސުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ މުދަރިއްސުންގެ ގަދަރާއި ކަރާމާތް ހިފެހެއްޓޭ ބަޔަކީ ވެސް ހަމަ މުދައްރިސުން ކަމަށެވެ. އަދި މުދައްރިސުންނަށްވުރެ ބޮޑަށް އެކަން ކުރެވޭނެ ބަޔަކު ނުތިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ތައުލީމީ ނިޒާމުގެ ތެރޭގައި ދަރިވަރުންނަށް ވުރެ ބޮޑަށް އަޅާލުމާއި އޯގާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ނުހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މުޅި ތައުލީމީ ނިޒާމް އަދި ސްކޫލް މާހައުލު ބައްޓަންވާން ވާނީ މުދައްރިސުންނާއި ދަރިވަރުންނަށް އަމާން، ރައްކާތެރި، ކުލުނުވެރި، އަދި ހަމަހަމަކަމާއެކު އެންމެން ޝާމިލުވާ، ވަށާޖެހޭ ތައުލީމެއް ލިބޭ މާހައުލަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ތައުލީމީ ނިޒާމުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ ކާމިޔާބީތައް ހާސިލުވަމުންދާނެ ކަމަށެވެ. 

މުދައްރިސުންނަށް ޝުކުރު އަދާކުރައްވަމުން، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް މިނިސްޓަރު ވަނީ މުދައްރިސުންނާ ހިއްސާކުރައްވާފައެވެ. އަދި ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްގީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގަ އާއި، ތައުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދު، ސްޓޭޓް މިނިސްޓަރ ހުސައިން ސައީދު، މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޝިފާޒް މުހައްމަދު، މާލޭ ޒޯންގެ ކޯޑިނޭޓަރ އަބްދުލް ވަލިއްޔު އަލީ އަދި ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން ހިންގުމާ ހަވާލުވެހުންނެވި އަލީ މުފީދު ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު