ENGLISH
05 ޖުލައި 2025
ރާއްޖޭގެ އުތުރުން ދެކުނަށް، ޝެޑިއުލްކޮށް މުދާ އުފުލާ ނިޒާމު ގާއިމްކުރުމުގެ ފުރަތަމަ ފިޔަވަޅު؛ ކުޅުދުއްފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއު އެމްޕީއެލްއަށް
19 މޭ 2025
|
ހދ. ކުޅުދުއްފުށި ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް މޯޑްވިސް ޕޯރޓްސް ލިމިޓެޑްއާ ހަވާލުކުރުން - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ގާއިމްކުރުމަށް ފުރަތަމަ ފިޔަވަޅު އަޅައި ހދ. ކުޅުދުއްފުށި ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް މޯޑްވިސް ޕޯރޓްސް ލިމިޓެޑްއާ ހަވާލު ކޮށްފިއެވެ.
ހދ. ކުޅުދުއްފުށި ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުމަށް މިއަދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މޯޑްވިސް ޕޯރޓްސް ލިމިޓެޑްއާ ދެމެދު ސޮއިކުރުމާ ގުޅިގެން މިނިސްޓްރީއާއި އެމްޕީއެލް ގުޅިގެން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެ ނޫސް ބަޔާނުގައި ބުނީ މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރެވޭ ބަނދަރަކީ ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް، ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން އެވެ.
ބަޔާނުގައި ބުނީ މި މަޝްރޫއުގެ އަމާޒަކީ ހއ، ހދ، ށ، ނ އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ލިބޭނެހެން އެ ސިޓީގައި އުތުރުގެ ރަށްތަކަށް ޚާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރި އާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެފަދަ ވަސީލަތްތައް ގާއިމުކުރުމަށް ރޭވިފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގައި ހިމެނޭ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ގާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން ބުނީ ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުން ކަމަށާއި މިކަމުންވެސް އިގްތިސާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތަކަށް ވެގެން ދިއުން ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުންދޭ އަހަމިއްޔަތުކަން ދައްކުވައިދެއެވެ.