ENGLISH
05 ޖުލައި 2025
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޚާއްސަ އެވޯޑެއް ރައީސް މުޢިއްޒަށް
19 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންފި އެވެ.
ޑަބްލިއުއެޗްއޯގެ މި އެވޯޑަކީ އެ އޯގަނައިޒޭޝަންގެ ޑައިރެކްޓާރ ޖެނެރަލްގެ ޚާއްސަ އެވޯޑެކެވެ. މި އެވޯޑް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވީ ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހުގެ މުނާސަބަތުގަ އެވެ.
ރައީސް މުޢިއްޒުގެ އިތުރުން މޮރިޝަސްގެ ހެލްތު މިނިސްޓްރީއަށް ވެސް މި އެވޯޑް ވަނީ ލިބިފަ އެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ރައީސް މުޢިއްޒަށް ޚާއްސަ އެވޯޑެް އަރުވާފައި މިވަނީ ދިވެހީން ދުންފަތުން ދުރުކުރުމަށް ވަރަށް މުހިންމު އެހާމެ ބޭނުންތެރި ފިޔަވަޅުތަކެއް ރައީސްގެ އިރުޝާދުގެ ދަށުން ސަރުކާރުން އަޅުއްވާފައި ވަނިކޮށެވެ.
ވަކި އުމުރަކަށްވުރެ ހަގު އެންމެންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ވަނީ ފާސް ކުރައްވާފަ އެވެ. ވަރަށް އަވަހަށް އެ ޤާނޫނު ރައީސް ތަސްދީޤު ކުރައްވާނެ އެވެ.
މި ޤާނޫނާ އެކު ޖަނަވަރީ 1، 2007 ވަނަ ދުވަހުން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް، އެމީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. މިއީ ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ޖީލެއް ބިނާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފަައިވާ ސިޔާސަތުގެ ބައެކެވެ.
މި ގާނޫނުގައި ބުނެފައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރުން 21 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ތަކެތި ގަންނަ މީހަކީ ޖަނަވަރީ 1، 2007 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ އެތަކެތި ވިއްކާ މީހެއްގެ ޒިންމާއެކެވެ.
މި ޤާނޫނާއެކު ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކުރި ދެވަނަ ގައުމަށް ރާއްޖެ ވާނެއެވެ.
މީގެ ކުރީން ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ކުރުން މަނާކޮށް ވޭޕުކުރުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް އެތެރެކުރުން ވެސް މަނާކޮށްފަ އެވެ. މިއީ ވޭޕުގެ ނުރައްކަލުން ޒުވާން ޖީލު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.