ENGLISH
03 ޖޫން 2025
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހާ އެކު ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ: ރައީސް
19 މޭ 2025
|
ދިިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނަށް، ގެނައި އިސްލާހު މިއަދު ތަޞްދީޤުކުރުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކަށް ރާއްޖޭގެ ޤައުމީ ޓީމުތަކަށް ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރައީސްއަކު، ބިލެއް ނުވަތަ އިޞްލާޙެއް ތަޞްދީޤު ކުރައްވަން ބޭއްވެވި ފުރަތަމަ ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޤައުމީ ޓީމުތަކަށް ކުޅެން މިހާރު ފުރުޞަތު ލިބެނީ ގާތްގަނޑަކަށް ހަމައެކަނި މާލޭގައި ނުވަތަ މާލެ ސަރަޙައްދުގައި ދިރިއުޅޭ ކުޅުންތެރިންނަށް ކަމަށާއި، ނަމަވެސް މި އިޞްލާޙުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގަ ދިރިއުޅޭ ހުނަރުވެރި ކުޅުންތެރިންނަށް މި ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން އެކި އަތޮޅުތަކުގައި ދިރިއުޅެމުންދާއިރު އަބަދުވެސް ހަމަ ގާތްގަނޑަކަށް ވެފަ މި އޮންނަ ގޮތަކީ ޤައުމީ ޓީމުތަކަށް މާލޭގަ ނުވަތަ މާލެ ސަރަހައްދުގަ އުޅޭ ކުޅުންތެރިންނަށް ފުރުޞަތު ލިބޭގޮތް ވެފަ މި އޮންނަނީ. ގާތްގަނޑަކަށް އެހެންވެފަ މި އޮންނަނީ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުޅޭ ކުޅުންތެރިން އުފެއްދުމާ، ހުނަރު އިތުރުކުރުމާ، ކުޅިވަރު ކުޅޭ ކުޅުންތެރިން އައިޑެންޓިފައި ކުރެވޭނެ ގޮތް ވުމާ، ޤައުމީ ޓީމުތަކަށް ކުޅިވަރު ކުޅޭ ކުޅުންތެރިން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ޝާމިލުވާ ގޮތަށް އެންމެ މޮޅު ކުޅުންތެރިން ހޮވޭ ގޮތްވުން. އެއީ މީގެ ތެރެއިން ހާސިލުވާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އިސްލާހުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކުޅިވަރު ޖަމްޢިއްޔާތަކުގެ ސަރަަޙައްދީ ގޮފިތައް ހުޅުވިގެން ގޮސް، ކޮންމެ ކުޅިވަރަކަށްވެސް އެ ސަރަޙައްދުތަކުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ދެނެގަނެވޭނެ ކަމަށެވެ.
އަދި މި ކުޅުންތެރިން އިތުރަށް ތަމްރީނު ކުރެވި، އިތުރު ފުރުޞަތުތަކެއް ދެވި، ރާއްޖޭގެ ހުރިހާ ދިމާލަކުން ކުޅުންތެރިން ހޮވާލެވިގެން އައިސް، ރާއްޖެއަށް ރީތި ނަން ހޯދައިދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.