ENGLISH

02 ޖޫން 2025

Advertisement

ދަގަނޑޭ އެނބުރި ނިއު ރޭޑިއަންޓަށް؟

19 މޭ 2025

|

މުޙައްމަދު އަދުހަމް

ދަގަނޑޭ، ނިއު އަށް ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: މިހާރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ، އަލީ އަޝްފާޤު (ދަގަނޑޭ) ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅެން އެއްބަސްވެފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެފިއެވެ.

އެގޮތުން، ނިއުގެ ރަސްމީ ފޭސްބުކް ޕޭޖްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައިވަނީ، "އަންނަނީ! އަންނަނީ! " މި ސުރުހީގެ ދަށުން ދަގަނޑޭގެ ފޮޓޯއެއް ޖަހައި، މި މަހުގެ 22 ވަނަ ދުވަހު ހާއްސަ ޚަބަރެއް ލިބޭނެ ކަހަލަ އިޝާރާތެއް ކޮށްފައެވެ.

އެ ޕޯސްޓުގައި ޖަހާފައިވާ ފޮޓޯ އިން ސީދާ ކަނޑައެޅިގެން އެއީ ކާކުކަން ނޭނގުނު ނަމަވެސް، އޭގެއިން ފެންނަ މަންޒަރަށް ބަލާލުމުން އެ ކުޅުންތެރިއަކީ ދަގަނޑޭކަން ސާފެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދަގަނޑޭގެ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކޮށްފައިވާއިރު، މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ރިކަވަރީގެ ކަންތައްތަކަށް ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.

އުމުރުން 39 އަހަރުގެ ކުޅުންތެރިޔާގެ ކަކުލަށް ލިބުނު މި އަނިޔާއާއެކު ވެސް މިދިޔަ އަހަރުތަކުގައި ވަނީ ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގައެވެ.

ނިއު އިން ދަގަނޑޭ ގެނައުމުގެ މަސައްކަތް ފެށީ، އަންނަ ސެޕްޓެމްބަރު މަހު ފަށާ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތަށެވެ. ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ނިއު ދެވަނަ ޑިވިޝަނަށް ރެލިގޭޓުވީ މާލީ މައްސަލަތަކާ ގުޅިގެން އައި ސަސްޕެންޝަނެއްގެ ސަބަބުންނެވެ. އެ ސަސްޕެންޝަން އުވާލުމުން އެ ޓީމުން ވަނީ މިދިޔަ ދެ އަހަރު ދެވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. އެކަމަކު، ނިއު އަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެވޭ ގޮތެއް ނުވިއެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި ވާދަކުރަމުން އަންނަ ނިއު އިން ވަނީ މިހާތަނަށް އެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން މުބާރާތުގައި ކުޅުނު ތިން މެޗުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ތިން ޓީމަކާ ދެކޮޅަށް ކުޅެ، ދެ މެޗުން ވަނީ މޮޅުވެފައެވެ.

މީގެކުރީން، ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅެފައިވާ ދަގަނޑޭ ވަނީ އެ ޓީމާއެކު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެ ފަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރިއިރު ދަގަނޑޭގެ ހިއްސާ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު