ENGLISH

02 ޖޫން 2025

Advertisement

އިންޓަރ އާއި ނަޕޯލީ އަށް މޮޅުނުވެވުމުން ލީގު ޗެމްޕިއަންކަން ކަނޑައެޅުން ފަހު ހަފްތާއަށް

19 މޭ 2025

|

މުޙައްމަދު އަދުހަމް

ލާޒިއޯއާ އިންޓަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު އިންޓަރ މިލާނާއި ނަޕޯލީ އަށް މޮޅުނުވެވުމުން ޗެމްޕއަންކަން ލިބޭނެ ޓީމެއް ކަނޑައެޅޭނީ އެންމެ ފަހު ހަފްތާގެ ކުޅުމަށްފަހު އެވެ.

އިންޓަރގެ ދަނޑުގައި އެ ޓީމުން 2-2 އިން ލާޒިއޯއާ އެއްވަރުވިއިރު، ރަށުން ބޭރުގައި ނަޕޯލީ ވަނީ ޕާމާއާ 0-0 އިން އެއްވަރުވެފައެވެ.

މި ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ނަޕޯލީ އެވެ. އެ ޓީމަށް 37 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަރ އެވެ. ތިންވަނައިގައި އުޅޭ އެޓަލާންޓާ އަށް ލިބިފައިވަނީ 74 ޕޮއިންޓެވެ. ޔުވެންޓަސް އޮތީ 67 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ސެން ސީރޯގައި ކުޅުނު މެޗުގައި އިންޓަރގެ ލަނޑުތައް ޖަހައިދިނީ ޔަން ބިސެކް އާއި ޑެންޒެލް ޑަމްފްރީސް އެވެ.

މެޗުގައި ލާޒިއޯ އިން ޖެހި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކުރީގެ ފޯވާޑް، ޕެޑްރޯ ރޮޑްރިގޭޒް އެވެ. މީގެތެރެއިން އޭނާ ޖެހި ދެވަނަ ލަނޑަކީ، އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.

ޕާމާއާ ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ފޯރިގަދަވި މެޗުގައި ލާޒިއޯގެ ކޯޗު، މާކޯ ބަރޯނީ އާއި އިންޓަގެ ކޯޗު، ސިމޯނީ އިންޒާގީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައިވެއެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕާމާއާ ނަޕޯލީ ލަނޑެއްނުޖެހި އެއްވަރުވިއިރު، ނަޕޯލީ އަށް ލަނޑެއްޖަހައިދޭން އަންދްރޭ ޒަމްބޯ އަންގީސާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ މަޓެއޯ ޕޮލިޓާނޯ ހުރަހަކުން ނަގައިދިން ބޯޅަ ވެސް ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.

އޭގެފަހުން، ނަޕޯލީގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޕާމާގެ ގޯލްކީޕަރު، ޒިއޯން ސުޒުކީ މަތަކުރިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޔުވެންޓަސްގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން އުދިނޭޒީ ބަލިކޮށްފައެވެ. އޭއެސް ރޯމާގެ ދަނޑުގައި އެ ޓީމުން 3-1 އިން އޭސީ މިލާން ބަލިކުރިއިރު، ފިއޮރެންޓީނާ ވަނީ 3-2 އިން ބޮލޯނިއާ އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު