ENGLISH
04 ޖޫން 2025
ނިއުކާސަލް ބަލިކޮށް، އާސެނަލުން ގަދަ ފަހެއްގެ ޖާގަ ކަށަވަރުކޮށްފި
18 މޭ 2025
|
ނިއުކާސަލް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ރައިސް އުފާ ފާޅުކުރަނީ. ފޮޓޯ: ޕްރިމިއަރ ލީގު.ކޮމް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް 1-0 އިން ބަލިކޮށް، އާސެނަލުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. މިއާއެކު، އާސެނަލް ވަނީ ލީގުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. މިއީ، އާސެނަލުން ލީގުގެ ދެވަނަ މަގާމު ޖެހިޖެހިގެން ހާސިލްކުރި ތިންވަނަ ފަހަރެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 55 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސް އެވެ.
އޭގެކުރީން، ނިއުކާސަލްގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ ވަނީ ހުއްޓުވައިފައެވެ.
މި ނަތީޖާއާއެކު، އާސެނަލް ދެވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި ނިއުކާސަލް އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ. ފަސްވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ހަމަ 66 ޕޮއިންޓް ލިބިފައިވާއިރު، ނިއުކާސަލް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރެންޓްފޯޑްގެ ދަނޑުގައި އެ ޓީމު އަތުން 3-2 އިން ފުލަމް ވަނީ މޮޅުވެފައެވެ. ލެސްޓަރ ސިޓީގެ ދަނޑުގައި އެ ޓީމުން 2-0 އިން އިޕްސްވިޗް ޓައުން ބަލިކުރިއިރު، ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ނޮޓިންހަމް ފޮރެސްޓް މޮޅުވީ 2-1 އިންނެވެ.