ENGLISH
01 ޖޫން 2025
އެވަޓަންގެ ގުޑިސަން ޕާކުގެ ފަހުގެ ފެނިލުމަށް އުފާވެރި ނިމުމެއް
18 މޭ 2025
|
ސައުތެމްޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު އެވަޓަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އެވަޓަންގެ 133 އަހަރުވީ ގުޑިސަން ޕާކުގައި ކުޅުނު ފަހު މެޗުގައި، ރެލިގޭޓްވެފައިވާ ސައުތެމްޓަން 2-0 އިން ބަލިކޮށް، އެ ކުލަބުން އުފާވެރިކަމާއެކު ނިންމާލައިފިއެވެ.
މެޗުގައި އެވަޓަނުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް މި ދެ ލަނޑު ވެސް ޖަހައިދިނީ އިލިމަން އެންޖެއޭ އެވެ.
މީގެއިތުރުން، މި މެޗުގެ 29 އާއި 33 ވަނަ މިނެޓުގައި އެވަޓަންގެ ފޯވާޑް، ބެޓޯ ފޮނުވާލި ދެ ބޯޅައެއްގައި ގޯލު ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާ، އެ ލަނޑު ގަބޫލުނުކޮށްފައެވެ.
ފަހު ހާފުގައި ސައުތެމްޓަނަށް ލަނޑެއް ޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކެމަރަން އާޗާ ފޮނުވާލި ބޯޅަ އެވަޓަންގެ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް ހުއްޓުވިއެވެ.
މި މޮޅާއެކު އެވަޓަން އުޅެނީ ލީގުގެ 13 ވަނައިގައެވެ. އެ ޓީމަށް 37 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މި މެޗުން ބަލިވި ސައުތެމްޓަން އޮތީ 12 ޕޮއިންޓާއެކު 20 ވަނައިގައެވެ.
މިއީ އެވަޓަންގެ މިހާރުގެ ދަނޑު، ގުޑިސަން ޕާކްގައި ކުޅުނު އެންމެ ފަހު މެޗެވެ. އެ ޓީމު އަންނަ ސީޒަނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބްރެމްލީ މޫރ ޑޮކްގައި ހުންނަ ހިލް ޑިކިންސަން ސްޓޭޑިއަމްގައެވެ.
މި ސީޒަނަށްފަހު އެވަޓަންގެ ފިރިހެން ފުޓްބޯޅަ ޓީމުން ބޭނުންކުރަމުންއައި ގުޑިސަން ޕާކު ދެން ބޭނުންކުރާނީ އެ ކުލަބުގެ ވިމެންސް ޓީމުގެ ދަނޑުގެ ގޮތުގައެވެ.