ENGLISH
01 ޖޫން 2025
ރާޖަސްތާން ބަލިކޮށް، ޕަންޖާބް ޕްލޭއޮފްގެ ޖާގައެއް ހޯދުމާ ގާތަށް
18 މޭ 2025
|
ރާޖަސްތާނާ ދެކޮޅަށް ޕަންޖާބްގެ ނެހާލް ވަދޭރާ ބެޓްކުރަނީ. --ފޮޓޯ: ބީސީސީއައި
އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާޖަސްތާން ރޯޔަލްސް ބަލިކޮށް، ޕަންޖާބް ކިންގްސް އެ މުބާރާތުގެ ޕްލޭއޮފް ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި މެޗުން ޕަންޖާބް މޮޅުވީ 10 ލަނޑުންނެވެ.
ޖައިޕޫރުގައި ހުންނަ ސަވާއި މަންސިންގ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕަންޖާބް ޓީމުން ޓޮސް ދިމާވުމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 219 ލަނޑު ހަދައިފައެވެ.
ޕަންޖާބްގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 37 ބޯޅައިން 70 ލަނޑު ހެދި ނެހާލް ވަދޭރާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޝަޝާންކް ސިންގ ވަނީ ނުބައިނުވެ 30 ބޯޅައިން 59 ލަނޑު ހަދައިފައެވެ. ރާޖަސްތާނުން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓް ނެގި ތުޝާރް ދޭޝްޕާންޑޭ އެވެ.
ރައްދުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 209 ލަނޑު ހަދައިފައެވެ. އެންމެ ރަނގަޅަށް ކުޅުނު އޯޕަނިންގ ބެޓްސްމަން، ޔަޝަސްވީ ޖައިސްވާލް ވަނީ 25 ބޯޅައިން 50 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި ޕަންޖާބުގެ ހަރްޕްރީތު ބްރާރް ވަނީ ތިން ވިކެޓް ނަގައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
މި ނަތީޖާއާއެކު ޕަންޖާބް ވަނީ ލީގު ތާވަލްގެ ދެވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުރީގައި އުޅެނީ ނެޓް ރަން ރޭޓުންނެވެ. ތިންވަނައިގައި އުޅޭ ގުޖުރާތު ޓައިޓަންސް އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 16 ޕޮއިންޓެވެ.
މުބާރާތުގައި ޕަންޖާބް ދެން ކުޅޭ މެޗުގައި މި މަހުގެ 24 ވާ ހޮނިހިރު ދުވަހު ނުކުންނާނީ ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށެވެ.