ENGLISH

01 ޖޫން 2025

Advertisement

އެސްޓީއޯ ހޮޓަލުގެ ބަދަލުގައި ހުޅުމާލެ އިން 40،000 އަކަ ފޫޓުގެ ބިމެއް ދީފި

18 މޭ 2025

|

ހަސަން އާމިރު

ހުޅުމާލޭގައި އެސްޓީއޯ އިން ތަރައްގީކުރި ހޮޓެލް.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ހަދަން ފަށައި ނުނިމި ހުރި ސިޓީ ހޮޓަލުގެ ބަދަލުގައި އެ ކުންފުންޏަށް ހުޅުމާލޭން 40،000 އަކަ ފޫޓަށް ވުރެ ކުޑަ ނޫން ބިމެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެސްޓީއޯ އަހަރީ ޢާއްމު ޖަލްސާގައި ޝިމާދު ވިދާޅުވީ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހޮޓަލުގެ ބަދަލުގައި ހުޅުމާލޭގެ ފޭސް 3 އިން ބިން ހަމަޖެހުނުކަމުގެ ސިޓީ އެޗްޑީސީގެ ފަރާތުން އެސްޓީއޯ އަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ގާނޫނީ ގޮތުން ކަންކަން ނިންމުމުގެ މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި ހޮޓަލާ ގުޅޭ ގޮތުން ކޮންމެ އަހަރެއްގެ ވެސް އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ސުވާލު ކުރެ އެވެ. އެސްޓީއޯ އިން މީގެ ކުރިން ވަނީ އެ ހޮޓާ ވިއްކާލުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފަ އެވެ.

ނަމަވެސް އެސްޓީއޯ އިން އެ ހޮޓެލް އެޗްޑީސީ އަށް ދޫކޮށްލުމާ އެކު އެ ކުންފުނިން މިހާރު ވަނީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، "ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމަށް ނިންމައި އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރާ އެ ހޮޓެލްގެ މަސައްކަތް ނިންމައި، އެތަން ހިންގުމަށް ޚާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ، އެސްޓީއޯއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ފަހު އެވެ. 

ހުޅުމާލޭގައި މި ތަރައްގީކުރާ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3-5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތު ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްޤީ ކުރާނެ އެވެ. މިތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްޤީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީ ކުރާ އިމާރާތެކެވެ. 

"މެންހަޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކު އެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު