ENGLISH

03 ޖޫން 2025

Advertisement

އެސްޓީއޯގެ އަހަރީ ޢާއްމު ޖަލްސާ ނުނިމެނީސް ހިއްސާދާރުންނަށް ޑިވިޑެންޑް ޖަމާކޮށްދީފި

18 މޭ 2025

|

ހަސަން އާމިރު

އެސްޓީއޯގެ އަހަރީ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން. --ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޭ ބޭއްވި އަހަރީ ޢާއްމު ޖަލްސާ (އޭޖީއެމް) ނުނިމެނީސް ހިއްސާދާރުންނަށް، ޑިވިޑެންޑް ޖަމާކޮށްދީފި އެވެ.

މާލޭގައި އަލަށް ހުޅުވި ހިތްގައިމު ބާސެލޯ ނަސަންދުރައިގައި ބޭއްވި ހިއްސާދާރުންގެ އަހަރީ ޖަލްސާގައި ހިއްސާއަކަށް ބަހަން ފާސްކުރީ 80 ރުފިޔާ އެވެ. ޖަލްސާގައި ހިއްސާދާރުންގެ ސުވާލުތަކަށް ހުޅުވާލި ފުރުސަތުގައި އެއް ހިއްސާދާރަކު ވަނީ ހިއްސާދާރުންގެ ފޯނަށް އެސްޓީއޯ އިން "ހަދިޔާއެއް" ޖަމާކޮށްދީފި ކަމަށް ބުނެފަ އެވެ. 

އެސްޓީއޯގެ އަހަރީ ޖަލްސާތަކަށް ޢާއްމުކޮށް ހާޒިރުވެވަޑައިގަންނަވާ މުޙައްމަދު ޝާހިދު ވިދާޅުވީ މީގެ ކުރިން އެހެން ކުންފުންޏަކުން ނުކުރާ ކަމެއް އެސްޓީއޯއިން ރޭކޮށްފައިވާ ކަމަށެވެ. އެއީ އަހަރީ ޖަލްސާ ނުނިމެނީސް ހިއްސާގެ ފައިދާގެ ޖަމާކޮށްދިނުމެވެ.

"ދެންމެ އަޅުގަނޑުމެން ވޯޓުލައިގެން ފާސްކުރި ހިއްސާގެ ފައިދާގެ އަދަދު އަޅުގަނޑަށް ލިބިއްޖެ. ތިޔަ ބޭފުޅުން ވެސް ޗެކްކޮށްލައްވާ. މިއީ ތެދެއް ނަމަ އެސްޓީއޯ އިން ތިޔަ ސެޓްކޮށްދިނީ އެހެން ކުންފުނިތަކަށް ނަމޫނާއެއް. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.

އެސްޓީއޯގެ ޢާއްމު ހިއްސާދާރެއް ކަމަށްވާ މުހައްމަދު ޝާހިދު ރޭގެ ޖަލްސާގައި ޚިޔާލުފާޅުކުރައްވަނީ. --ފޮޓޯ:އެސްޓީއޯ

ޝާހިދުގެ ވާހަކަ ނިމުމާ އެކު ހިއްސާދާރުން ވަނީ މެނޭޖްމަންޓަށް ޝުކުރުއަދާކުރުމުގެ ގޮތުން އަތްތިލަބަޑި ޖަހައިފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު ވިދާޅުވީ ޖަލްސާގެ އިންތިޒާމްތައް އެހާ ފުރިހަމަކޮށް ދެންދެވުނީ އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ރޭ ވަނީ ހިއްސާ ދާރުންގެ ސުވާލުތައް ނިމެންދެން ޖަލްސާ ކުރިއަށް ގެންގޮސްފަ އެވެ.

އެސްޓީއޯގެ އެއްމިލިއަން ހިއްސާގެ ތެރެއިން އާންމު ހިއްސާދާރުންނަށް ބަހާނީ 17 މިލިއަން ރުފިޔާ އެވެ. 

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ރޭ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 229 ހިއްސާދާރުން ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު