ENGLISH

03 ޖޫން 2025

Advertisement

އެސްޓީއޯ ހުޅުމާލެ ސްމާޓް ސްޓޯރ، ފާމަސީއަކަށް ބަދަލުކުރަނީ

18 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހުޅުމާލޭގައި ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، އެސްޓީއޯ ސްމާޓް ސްޓޯ, ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ރޭ ހާމަކޮށްފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.

ޝިމާދު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ނިމޭނެއެވެ. 

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ "ސްމާޓް ސްޓޯ" ހުޅުވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް، ހުޅުމާލޭ ފޭސް 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވި ސްމާޓް ސްޓޯއަށް ވިޔަފާރި ކުރުމަށް އެހާ ގިނަ ބަޔަކު ނުދާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ހުޅުމާލޭ ފޭސް 1 ގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ދޭ ޚިދުމަތެކެވެ.

އެސްޓީއޯއިން އަންނަނީ ދެމެހެއްޓެނެވި ގޮތެއްގައި މެދުނުކެނޑި ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިޔާގެ ބޭސް އުފައްދާ ކުންފުންޏަކާއެކު ބޭހުގެ ބާވަތްތައް ގެނައުމުގެ އެއްބަސްވުމެއް އެސްޓީއޯއިން ގާއިމުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު