ENGLISH
18 މޭ 2025
އަންނަ ކުއާޓާގައި ގިނަ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުވާނެ
17 މޭ 2025
|
މާލޭގެ ދަތުރުވެރިންގެ ބާޒާރު، ފޮޓޯ: ސަން
ޓޫރިޒަމް ދާއިރާ ފިޔަވައި ރާއްޖޭގެ ގިނަ ސިނާއަތްތަކުގެ ވިޔަފާރިތަކުގެ މާލީ ހާލަތު އަންނަ ކުއާޓާގައި އިހުނަށްވުރެ ރަނގަޅުވާނެކަމަށް އެ ވިޔަފާރިތަކުން ގަބޫލުކުރާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ ކުއާޓާއަކު އެއްފަހަރު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ހަދާ ކުއާޓާލީ ބިޒްނަސް ސާވޭއިންނެވެ. މި ސާވޭއިން ދެއްކި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓޫރިޒަމް ދާއިރާއާއި، ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތައް ފުޅާވިއެވެ. ދަތުރުފަތުރާއި މުވާސަަލާތުގެ ދާއިރާގެ ވިޔަފާރިތަކުގެ ކުރިއެރުން ވަކި ގޮތަކަށް ބުރަނުވާއިރު، އިމާރާތްކުރުމުގެ ދާއިރާގެ ކުރިނާރައި ދަށްވިކަމަށް ބެލެވެއެވެ.
ޓޫރިޒަމާއި ހޯލްސޭލް އަރި ރީޓެއިލް ދާއިރާއިން އަލަށް މުވައްޒަފުން ނެގި މިންވަރުވަނީ އިތުރުވެފައެވެ. ދަތުރުފަތުރާއި މުވާސަަލާތުގެ ދާއިރާގެ ވިޔަފާރިތަކަށް އަލަށް މުވައްޒަފުން ނެގުން މަޑުޖެހުނަސް މުވައްޒަފުން ނަގާފައިވެއެވެ. މުވައްޒަފުން ނެގި މިންވަރު ދަށްވީ އިމާރާތްކުރުމުގެ ދާއިރާއިންނެވެ.
ކުރިއަށް އޮތީ ޓޫރިޒަމްގެ ދަށް މޫސުންކަމަށްވާތީ އެ ދާއިރާގެ ވިޔަފާރިތައް އަންނަ ކުއާޓާގައި ކުރިއަރާނެކަމާމެދު އެ ދާއިރާގެ ވިޔަފާރިތަކުގެ މާޔޫސީކަން ސާވޭއިން ފާހަގަވިއެވެ. ނަމަވެސް ހޯލްސޭލްއާއި ރީޓެއިލް ވިޔަފާރިތަކާއި ދަތުރުފަތުރާއި މުވާސަލާތުގެ ވިޔަފާރިތައް އަންނަ ކުއާޓާގައި ކުރިއަރާނެކަމަށް އެ ދާއިރާތަކުގެ ގިނަ ވިޔަފާރިތަކުން ގަބޫލުކުރެއެވެ.
މާލީ ހާލަތަށް ބަލާއިރު ފުރަތަަމަ ކުއާޓާގައި ޓޫރިޒަމާއި ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުކަމަށް ސާވޭތަކުން ދައްކައެވެ. އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތައް މާލީ ގޮތުން ބަލިކަށި ނަމަވެސް އިހުނަށްވުރެ ހާލަތު ރަނގަޅުވެފައިވާކަން ސާވޭއިން ފެންނައިރު، މާލީ ހާލަތު ކުރިއަށްވުރެ ގޯސްވީ ހަމައެކަނި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިންނެވެ.
ނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރިތައް ފިޔަވައި، ސާވޭގައި ބައިވެރި ކުރި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން ގަބޫލުކުރާ ގޮތުގައި އަހަރުގެ ދެވަނަ ކުއާޓާގައި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ފުރަތަމަ ކުއާޓާއަށްވުރެ ރަނގަޅުވާނެއެވެ. ފަތުރުވެރިކަމުގެ އޮފް ސީޒަން ފެށުމާއެކު ފުރަތަމަ ކުއާޓާއަށްވުރެ އެ ދާއިރާގެ ވިޔަފާރިތަކުގެ މާލީ ހާލަތު ދަށްވާނެކަމަށް އެ ވިޔަފާރިތަކުން ގަބޫލުކުރެއެވެ.
މި ސާވޭއިން ފެންނަ ގޮތުގައި ޖުމްލަކޮށް ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން އުންމީދުކުރަނީ އަންނަ ކުއާޓާގައި އެ ވިޔަފާރިތަކުގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށެވެ. އަދި ގިނަ ދާއިރާތަކެއްގައި ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ވިޔަފާރީގެ ޖުމްލަ ހާލަތުވެސް ރަނގަޅެވެ.