ENGLISH

18 މޭ 2025

Advertisement

މަތިންދާބޯޓު ހަދިޔާކުރަނީ ޓްރަމްޕަކަށް ނޫން، އެމެރިކާ ސަރުކާރަށް: ޤަތަރުގެ ބޮޑުވަޒީރު

15 މޭ 2025

|

ހަސަން އާމިރު

ޤަތަރުގެ ޝާހީ އާއިލާއިން ހަދިޔާކުރަން ނިންމާފައިވާ ބޮއިންގ 8-747 މަރުކާގެ މަތިންދާބޯޓަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަދިޔާ ކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ ޤަތަރުގެ ސަރުކާރުން އެމެރިކާގެ ސަރުކާރަށް ދޭ ހަދިޔާއެއް ކަމަށް ވިދާޅުވެ، މިކަމަށް އަމާޒުވަމުންދާ ފާދުކިޔުންތަކަށް ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ޖާސިމް އަލް ތާނީ ރައްދު ދެއްވައިފިއެވެ.

ޤަތަރުން ހަދިޔާކުރަން ތައްޔާރުވަމުންދާ އެންމެ މަތީފަންތީގެ މަތިންދާބޯޓަކީ، އެމެރިކާގެ ރައީސަކަށް އެމެރިކާގެ ތާރީޚުގައި ލިބިވަޑައިގަންނަވާނެ އެންމެ އަގުބޮޑު ހަދިޔާއަށް ވާނެއެވެ. މި މަރުކާގެ މަތިންދާބޯޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް ވުރެ މަތީގައެވެ.

ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޤަތަރަށް ވަޑައިގެން، ޤަތަރުގެ ޝާހީ އާއިލާއިން ހަދިޔާކުރާ މަތިންދާބޯޓު ޤަބޫލުފުޅުކުރައްވައި، އެމެރިކާގެ ރައީސުންގެ ވައިގެ ދަތުރުފަތުރުތަކަށް ޚާއްސަކޮށްފައިވާ ރަސްމީ މަތިންދާބޯޓު 'އެއަރ ފޯސް ވަން'ގެ ގޮތުގައި އެ ބޯޓު ބޭނުންކުރަން ނިންމަވާފައިވާކަމުގެ އަޑުތަކާއެކު އެމެރިކާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިގޮތުން، މިއީ ސަރުކާރެއްގެ ސިފާގައި ހިންގާ ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ޢަމަލެއްގައި ފާޑުކިޔާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ޤަތަރުގެ ބޮޑުވަޒީރު ސީއެންއެންއަށް ދެއްވި އިންޓިވިއުއެއްގައި ވަނީ މިއީ މާ ބޮޑު ކަމަކަށް ވެގެން އުޅޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"މިއީ އެއް ސަރުކާރުން އަނެއް ސަރުކާރާ ކުރާ މުޢާމަލާތެއް. އެމެރިކާގެ ފަރާތުން ވިޔަސް ޤަތަރުގެ ފަރާތުން ވިޔަސް މިއީ އެއްވެސް މީހެއްގެ އަމިއްލަ ހައިސިއްޔަތެއް އެކުލެވޭ ކަމެއް ނޫން،" ތާނީ ވިދާޅުވިއެވެ.

މި މަތިންދާބޯޓު ހަދިޔާކުރަނީ ޓްރަމްޕް ރުއްސަން ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ބޮޑުވަޒީރު ވަނީ ދޮގުކުރައްވައިފައެވެ.

ތާނީ ވިދާޅުވި ގޮތުގައި، މިކަން އަދި އޮތީ ޤާނޫނީ ކަންކަން ސާފުކުރުމުގެ މަރުޙަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު