ENGLISH
02 މޭ 2026
ބީއެމްއެލްއިން ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް ހަމަަހަމަކަން ކަށަވަރުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް
02 މޭ 2026
|
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު
އެންމެ މަޤްބޫލު
ބީއެމްއެލްއިން ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް ފައިސާ ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
މިއަދު ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ޓީޓީ ހެދުމަށް 136 މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ކާޑުތަކުން ކުރި މުއާމަލާތްތަކަށް 160 މިލިއަން ޑޮލަރު ދޫކުރެވިފައިވެއެވެ.
އަދަދުތަކާއެކު ޝަރީފު ފާހަގަކުރެއްވީ ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަށްވުރެ ކާޑުތަކާއި އެހެނިހެން ހިދުމަތްތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެވެ. އެހެންކަމުން ހަމަހަމަކޮށް ރައްޔިތުންގެ ޒަރޫރީ ބޭންކުތަކަށް ޑޮލަރު ދޫކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މިގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވީ ބީއެމްއެލްއާއި އިމިގްރޭޝަންގެ މެދުގައި ގާއިމުކުރެވޭ ޑިޖިޓަލް އިންޓަގްރޭޝަން ނުވަތަ ޑިޖިޓަލް ނިޒާމުތައް ލާމެހިލުމެއްގެ ތެރެއިން، ރާއްޖެއިން ބޭރުގައި ޕީއޯއެސް މެޝިންތަކާއި އޭޓީއެމް މެޝިންތަކުގައި ޑެބިޓް އަދި ކްރެޑިޓްް ކާޑު ބޭނުންކުރެވޭނީ ކާޑުގެ ވެރި ފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ހާލަތުގައި އެކަނި ހަމަޖެއްސުމެވެ.
"ޕީއޯއެސްގަައި އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓު ހަމައެކަަނި ރާއްޖެއިން ބޭރުގައި އެކްޓިވްވާ ގޮތަށް ހަމަޖެއްސުން. އޭގެ މާނައަކީ ރާއްޖޭގައި އެބޭފުޅަކު ހުންނަވާއިރު ރާއްޖެއިން ބޭރުގައި ހުންނަ އޭޓީއެމަކުން ޕީއޯއެސްއަކުން ބޭނުންނުކުރެވޭނޭ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ބައެއް ފަހަރު ރާއްޖޭގައި ކާޑުގެ ވެރިން ތިބޭއިރު އެ މީހުންގެ ކާޑު ހިފައިގެން ބޭރަށް ގޮސް މީހުން ކާޑުތައް ބޭނުންކުރަމުންދާ ކަމަށެވެ.
މިހެން ހެދިނަމަވެސް ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައި އޮތްނަމަ އެކުއްޖަކަށް ސްޓޫޑެންޓު ކާޑު ދޫކުރާނެއެވެ. އެ ކާޑު ލިބެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެއެވެ. ސްޓޫޑެންޓު ކާޑުގެ ލިމިޓު އާއްމު ކާޑުތަކުގެ ލިމިޓަށްވުރެ ބޮޑުވާނެކަން ޝަރީފު ފާހަގަކުރެއްވިއެވެ.
އިތުރަށް ޝަރީފު ވިދާޅުވީ ވިޔަފާރީގެ ބޭނުމަށް ބައެއް މީހުން ވަރަށް ގިނަ އަދަދަކަށް އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތައް އޮންލައިން ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާތީ އެކަމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކުން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ބޭރު ފައިސާ ވިއްކުމަށް ހުންނަ ބޭރު ފައިސާ މަދުވެއެވެ. އެ ސަބަބަށްޓަކައި ކޮންމެ ދުވަހެއްގައި ސައިޓުތަކުން ވިޔަފާރިކުރުމަށް ދޫކުރެވޭނެ ބޭރު ފައިސާގެ އަދަދު ކަނޑައެޅިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ފާހަގަކުރެއްވި ގޮތުގައި އީކޮމާސް ވެބްސައިޓުތަކުން މަހެއްގެ މައްޗަށް ތިރީހަށްވުރެ ގިނަ މުއާމަލާތްކުރަނީ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން އެންމެ ތިން އިންސައްތަ މީހުންނެވެ. އެ ސަބަބަށްޓަކައި މަހެއްގެ މައްޗަށް އީކޮމާސް ވެބްސައިޓުތަކުން ކަސްޓަމަރަކަށް ހިންގޭނީ ގިނަވެގެން 30 މުއާމަލާތް ކަމަށް ބޭންކުންވަނީ ކަނޑައޅާފައެވެ.
ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ހޭދަކުރުމުގައި ފޮރިން ސްޕެންޑު ލިމިޓެއް ނޯންނާނެއެވެ. އަދި މިއަދުން ފެށިގެން އެކަކު ގެންގުޅޭ ގިނަ ކްރެޑިޓު ކާޑުތަކުން ފީ ނެގުމުގައި އަމަލުކުރާނެ އުސޫލަކީ އެއްް ކާޑުން ފީ ނެގުންކަމަށްވެސް ބޭންކުން ހަމަޖައްސާފައިވެއެވެ.