ENGLISH
02 މޭ 2026
ކުރިމަތިލުމުގެ މުއްދަތު ހަމަވެއްޖެ؛ ހިތަދޫ އުތުރު ދާއިރާ ބައި-އިލެކްޝަނަށް ކުރިމަތިލެއްވީ ބޮޑު ދެ ޕާޓީގެ ކެންޑިޑޭޓުން
02 މޭ 2026
|
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދު
އެންމެ މަޤްބޫލު
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވައިލި މުހުލަތު ހަމަވިއިރު އެ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ބޮޑު ދެ ޕާޓީކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަަމަ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ 19 އޭޕްރީލުވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. ނަމަވެސް ފަހުން މުއްދަތު އިތުރުކޮށް މޭ މަހުގެ ދެވަނަ ދުވަހުގެ 15:00 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ދިނެވެ.
ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ. އެމްޑީީޕީން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު އުނިވެފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ބައި-އިލެކްޝަނުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސައީދާ ވާދަކުރައްވައި ޕްރައިމަރީ ކާމިޔާބުކުރެއްވީ ސިނާނެވެ. ނަމަވެސް ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު އިންތިހާބުގައި އޭނާ ވާދަކުރައްވަައިގެން ކާމިޔާބުނުކުރެއްވޭނެ ކަމުގައި ފެނިވަޑައިގަންނަވާތީ ޕީއެންސީގެ ޓިކެޓު ދޫކޮށްލައްވަން ސިނާނު ނިންމެވުމުން އެ ޕާޓީން ސައީދަށް ފުރުސަތު ދިނީއެވެ.
މި ބައި-އިލެކްޝަނުގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށްް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.