ENGLISH

18 މޭ 2025

Advertisement

ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް އިޒްރޭލުން ޙަމަލާދީ، 29 މީހަކު ޝަހީދުކޮށްލައިފި

14 މޭ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ހޮސްޕިޓަލުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ޙަމަލާތަކުގައި މިހާތަނަށް 29 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސްގައި ހުރި އަލް-ނާޞިރު ހޮސްޕިޓަލުގެ އިތުރުން، އެ ސަރަޙަައްދުގައި ހުރި ޣައްޒާ ޔޫރަޕިޔަން ހޮސްޕިޓަލަށް ވެސް އިޒްރޭލުން ވަނީ ވައިގެ ޙަމަލާތައް ދީފައެވެ.

ޣައްޒާއަށް އިޒްރޭލުން އަނެއްކާވެސް ޙަމަލާދޭން ފަށާފައިވަނީ، ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރޭގައި ހިމެނޭ އެމެރިކާ އަދި އިސްރާއީލުގެ ރައްޔިތެއް މިނިވަން ކުރުމަށް ޙަމަލާތައް މަޑުޖައްސާލާފައި އޮތުމަށްފަހުއެވެ.

އެމެރިކާގެ ރައްޔިތުންކަން ވެސް 21 އަހަރުގެ އެޑެން އެލެގްޒާންޑަރ އަކީ ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރޭގައި އެމެރިކާގެ ހަމައެކަނި ރައްޔިތެވެ.

އޭނާ މިނިވަންކޮށްފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެއްޓެވުމާ ދިމާކޮށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު