ENGLISH

05 ޖުލައި 2025

Advertisement

ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

13 މޭ 2025

|

ޝާމަ ޝުޢައިބު

މޫސާ ރިޟްވާން - ފޮޓޯ: ރެޑް ކްރެސެންޓް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް މޫސާ ރިޟްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް ރިޟްވާން އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ. 

ބްރޯޑްކޮމްގެ މެންބަރު ގޮތުގައި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން، 10 ބޭފުޅެއްގެ ނަން އެމަނިކުފާނު މަޖިލީހަށް ފޮނުއްވިއެވެ. 

މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. ކޮމިޓީން މި ނަންތައް ދިރާސާ ކުރުމަށްފަހު 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނު ފަސް ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފައެވެ. އެ ފަސް ބޭފުޅުންގެ ތެރޭގައި ރިޟްވާން ވެސް ހިމެނިވަޑައިގަންނަވައެވެ.  

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު