ENGLISH

05 ޖުލައި 2025

Advertisement

ދަރިވަރުންނަށް ދޫކުރާ ލޯނު އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރު ހައިދަރު

13 މޭ 2025

|

ޝަރާ އަބްދުﷲ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯނު އަނބުރާ ބަރާބަރަށް ދައްކަނީ އެންމެ 40 ޕަސެންޓު ދަރިވަރުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސްޓޫޑެންޓް ލޯނު ޤަވާއިދުން ދައްކާތޯ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަށް މަޖިލީހުގައި މިއަދު ޖަވާބުދެއްވަމުންނެވެ.

ވަޒީރު ހައިދަރު ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް މި ސަރުކާރުން 157 މިލިއަން ރުފިޔާ ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައި އެބައޮތް ކަމަށެވެ. އެހެންނަމަވެސް އަނބުރާ ދެއްކުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށް ހައިދަރު ވިދާޅުވިއެވެ.

"ހަމައަށް ބަރާބަރަކަށް ނުދައްކާ. 40 ޕަސެންޓު ވަރު އަނބުރާ ދައްކަނީ، " - ހައިދަރު

މި ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށެވެ.

"މިއަހަރުގެ އޭޕްރީލްމަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވޭ. އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ،" - ހައިދަރު

މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ދަޢުލަތުން ލޯނު ދޫކުރަމުންދެއެވެ. އަދި އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމުމަށްފަހު 6 މަސް ފަހުންނެވެ.

މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެއާއެކު ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށްވެސްވަނީ ނިންމަވާފައެވެ.

މީގެއިތުރުން ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖެސްޓްކުރެއްވުމަށްވެސް ރައީސްވަނީ އަންގާވަފައެވެ.

ސަރުކާރުން ދެއްވާ ސްކޮލަރޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް މިދިޔައަހަރުގެ އޭޕްރީލްމަހުވަނީ އެކުލަވާލާފައެވެ. މިދަފްތަރުގައި މިދިޔަ ޑިސެމްބަރުމަހުގެ ނިއަލަށް 2،000 ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އެއީ 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނެވެ.

ރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނު ސްކީމުގައި އެދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު