ENGLISH

05 ޖުލައި 2025

Advertisement

ފަސް މިލިއަން ގަސް މަޝްރޫޢުގެ ދަށުން ރަންފަރު ރިސޯޓުން 1.4 މިލިއަން ގަސް އިންދަނީ

13 މޭ 2025

|

ޢަލީ ޝަހީމް

ރަންފަރު ރިސޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ

ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރޯސްވުޑް ރަންފަރު ރިސޯޓުން 1.4 މިލިއަން ގަސް އިންދަން ނިންމައި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ރަންފަރު ރިސޯޓަކީ މާލެ އަތޮޅު ފަޅެއް ހިއްކައިގެން ރޯޔަލް ރިސޯޓުން ތަރައްގީކުރަމުން އަންނަ ރަށެކެވެ. އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ގަސް އިންދުމުގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން ރިސޯޓް ތަރައްޤީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. ރިސޯޓް ތަރައްގީކުރަމުންދާއިރު 1.4 މިލިއަން ގަސް އިންދުމަށް ހަމަޖެހިފައިވާއިރު، ވަޒީރު ޠާރިޤު އިބްރާހީމް ވަނީ އިއްޔެ ރަސްމީކޮށް އެ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. 

އެއްބަސްވުމުގެ ދަށުން އެ ރިސޯޓުގައި 6.5 މެގަވޯޓުގެ ސޯލާ ފާމެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސޯލާ ފާމްގެ މަސައްކަތް ފުރިހަމަވުމުން އެ ރިސޯޓަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ވަނީ ނިންމައިފައެވެ. 

ދަތުރުފުޅަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ގަސް އިންދުމުގެ މަޝްރޫޢުގެ އިތުރުން، އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި ރިސޯޓުތަކުން ބައިވެރިވުމަށް އިލްތިމާސްކުރައްވައިފައެވެ. 

ރާއްޖޭގައި 5.2 މިލިއަން ގަސް އިންދުމުގެ އަމާޒަށް ދިއުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ ވުޒާރާއިން ފެށީ މިދިޔަ އަހަރެވެ. މިހާތަނަށް ރާއްޖޭގެ ބައެއް ރަށްތަކާއި ކުންފުނިތަކުން ވަނީ އެ މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ މަސައްކަތް ފަށައިފައެވެ. 

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ކަށި ބުރޮޅި ގަހެއް ހަދިޔާކުރަން ނިންމާފައިވާކަމަށެވެ. ހުރިހާ ރަށަކަށް ބޭނުންވާ އަދަދަށް އެ ގަސްތައް ފޯރުކޮށްދެނީ ސްރީ ލަންކާގެ ސަރުކާރުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު