ENGLISH

18 މޭ 2025

Advertisement

ޕާކިސްތާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހުއްޓައިލީ ވަގުތީ ގޮތުން ކަމަށް މޯދީ ވިދާޅުވެއްޖެ

13 މޭ 2025

|

ހަސަން އާމިރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ.

އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ޙަމަލާގެ ރައްދުގައި ޕާކިސްތާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަން ހުއްޓާލާފައިވަނީ ވަގުތީ ގޮތުން ކަމަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެ ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

ޕާކިސްތާނުގެ ކަޝްމީރުގެ ބައެއް ސަރަޙައްދުތަކަށް ދިން ޙަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދު ކުރިއަށްދިޔަ ވަރުގަދަ ކުރިމަތިލުންތަކާ ގުޅޭގޮތުން އިންޑިޔާގެ ރައްޔިތުންނާ ފުރަތަމަ ފަހަރަށް މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވި ގޮތުގައި، ނިރުބަވެރި ޖަމާޢަތްތަކާއި އެފަދަ ޖަމާޢަތްތަކަށް ހިތްވަރުދޭ ސަރުކާރުތަކާ ދެމެދު އިންޑިޔާއިން ތަފާތެއް ނުކުރާނެއެވެ.

އަދި މުސްތަޤުބަލުގައި އިންޑިޔާއަށްދޭ މިފަދަ ނިރުބަވެރި ޙަމަލާތަކުގެ ރައްދު ފުރިހަމައަށް ދޭނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ އެ ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.

އެކަމާ ގުޅިގެން އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އިންޑިޔާގެ އަސްކަރިއްޔާ އިން ފެށި އޮޕަރޭޝަންގެ ދަށުން ދިން ވައިގެ ޙަމަލާތަކުގައި ހަނގުރާމަވެރިން ތިބި ނުވަ ކޭމްޕަކަށް ޙަމަލާދީފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.

އެ ޙަމަލާ އާއި އޭގެ ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި މިހާތަނަށް ދެ ފަރާތުން 50 އަށް ވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ.

ސުލްޙައިގެ އެއްބަސްވުން އިޢުލާނުކުރި ފަހުން ވެސް، ކަޝްމީރުގެ ބޯޑަރު ސަރަޙައްދުގައި ބާރުގަދަ ގޮވުންތަކާއި ބަޑީގެ ޙަމަލާތައް ބަދަލުކުރުމުގެ އަޑުތައް އިވެމުންދާ ކަމަށް ބައެއް މީޑިޔާ ރިޕޯޓުތައް ބުންޏެވެ.

މޯދީ އިތުރަށް ވިދާޅުވީ، ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ޕާކިސްތާނުން ޚިޔާރުކުރީ އިންޑިޔާއަށް ޙަމަލާދޭން ކަމަށެވެ.

ޕާކިސްތާނަކީ ވެސް ނިޔުކްލިޔަރ ބާރު ހުރި ޤައުމެއް ވިޔަސް، ނިޔުކްލިޔަރ ހަތިޔާރުގެ ބިރަށް އިންޑިޔާ ނުސިހޭނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

އަދި ޙަމަލާތައް ހުއްޓާލާފައިވިޔަސް، ޕާކިސްތާނުން އަޅާ ކޮންމެ ފިޔަވަޅެއް އިންޑިޔާއިން ގާތުން ބަލަމުންދާނެ ކަމުގެ ޔަޤީންކަން މޯދީ ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު