ENGLISH
05 ޖުލައި 2025
ޒަކިއްޔާގެ މަރުގެ: އޮޓޮޕްސީ ނުހެދި ސަބަބު ސާފުކޮށް ދީފި
13 މޭ 2025
|
ޒަކިއްޔާ މޫސާ
ނ. ހޮޅުދޫގައި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާ ގައި ތަހުޤީޤަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވާ އޮޓޮޕްސީ ނުހެދި ސަބަބު ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ސާފުކޮށް ދެއްވައިފި އެވެ.
ނ. ހޮޅުދޫ، ނިއުލައިފް، ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިރޭ އޮތް "އަހާ" ފޯރަމް ގައި ޒަކިއްޔާގެ އޮޓޮޕްސީ ހަދާފައި ނުވާތީ އާންމުންގެ މީހަކު ކުރި ސުވާލަކާއި ގުޅިގެން މިނިސްޓަރު އިޙްސާން ވަނީ އެ ނިންމުން ނިންމި ސަބަބު ތަފްސީލުކޮށް ދެއްވާފަ އެވެ. ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ތަޙުޤީޤަށް ހޮޅުދޫއަށް ދިޔަ ފުލުހުންގެ ޓީމުން ފުރަތަމަ ވެސް ނިންމީ އޮޓޮޕްސީ ހެދުމަށް ކަމަށެވެ.
ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައިރު ޑޮކްޓަރުކަން ކިޔަވާ ކުދީންނަށް ކިޔަވައިދޭން އައިސްހުރި ބޭރުގެ ވަރަށް ތަޖުރިބާކާރު ޕެތޮލޮޖިސްޓެއް ޒަކިއްޔާގެ ހަށިގަނޑު ބެލުމަށް ފަހު ފަންނީ ލަފާ ދެއްވި ކަމަށެވެ. އެ ޕެތޮލޮޖިސްޓަކީ އެތައް ހާސް އޮޓޮޕްސީއެއް ހަދާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ޒަކިއްޔާއަށް ލިބިފައި ހުރި އަނިޔާތަކާއި ހުރިހާ ކަމެއް ބަލާފައި އޭނާގެ އެކްސްޕީއަރަންސް ގައި އަޅުގަނޑުމެންނަށް ދިން ލަފާ, ޕްރޮފެޝަނަލް ލަފާ މި ދެނީ. ދީފަ އެ މީހާ މި ބުނަނީ އިތުރަށް ބޭރަށް ގެންގޮސްގެން ހަށިގަނޑު އިތުރަށް ފަޅައިގެން ބެލިއަކަސް އެ ކޯޒް އޮފް ޑެތާއި އޭނަ އެ ދިން ޕްރޮފެޝަނަލް އޮޕީނިއަން ތަފާތު ވާނެ ކަމަކަށް އޭނާ ޤަބޫލު ނުކުރާކަމަށް," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭނާ ދިން ޕްރޮފެޝަނަލް ލަފައާއެކު އެގޮތަށް ޢަމަލު ކުރުމަށް ފުލުހުން ވެސް ނިންމި ކަމަށެވެ. ނަމަވެސް އެ މަރާއި ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ކަންްބޮޑުވުން އޮތުމުން ޑިޖިޓަލް އެޓޮޕްސީއެއް ހަދާފައިވާ ކަމަށެވެ. އަދި ނަތީޖާ އައީ ޕެތޮލޮޖިސްޓް ދިން ލަފަޔާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭގޮތުން އެފްބީއައި އާއި އިނގިރޭސިވިލާތުގެ ފުލުހުންގެ އަދި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ އެހީއާ އިރުޝާދުވެސް ހޯދާފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ. އެ ހުރިހާ އިދާރާތަކަކުން ވެސް ލިބުނީ އެއް ލަފައެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އޭރު ނެގި ޑިޒިޝަން ގޯސް ކަމަކަށް,"
އިޙްސާން ވިދާޅުވީ އެކަން އެގޮތަށް އޮތް ނަމަވެސް މީގެ ފަހުން މަރުވި ގޮތް ނޭންގޭނަމަ ކޮންމެ ފަހަރަކު ވެސް ފުލް އޮޓޮޕްސީއެއް ހަދާ ގޮތަށް މިހާރު އުސޫލު ހަމަޖައްސާފައިވާ ކަމަށެވެ.