ENGLISH
05 ޖުލައި 2025
ކުށުގެ ވެށީގައި ހާހެއްހައި ކުދިން، "ހޯޕް އައިލެންޑް"އަކީ ހައްލު
12 މޭ 2025
|
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް
ކުށުގެ ރެކޯޑު އޮތް ކުދިންނާއި ކުށުގެ ރެކޯޑެއް ނެތް ނަމަވެސް ކުށުގެ ވެށީގައި ތާށިވެފައި ތިބި ދިވެހި ކުދިންގެ އަދަދު ގާތްގަނޑަކަށް 1،000 އަށް އަރާނެކަމަށް ލަފާކުރެއްވޭކަމަށާއި، ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ހޯޕް އައިލެންޑަކީ އެ ކުދިން ކުށުގެ ވެށިން ނެރެ ސަލާމަތްކުރުމަށް އޮތް ހައްލުކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުން ބޭނުން ސުވާލެއް ވަޒީރުންނާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމުގެ ފަސްވަނަ ބައްދަލުވުމުގައި އާއްމު ރައްޔިތަކު ވީޑިޔޯ ޒަރީއާއިން ހުށަހެޅި ސުވާލެއްގެ ޖަވާބުގައި އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތާއި ޑިޕާޓްމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)ގައި ކުށުގެ ރެކޯޑު އޮތް ކުދިންގެ ގޮތުގައި 400 އެއްހައި ކުދިން ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރަށް އިހުސާން ވިދާޅުވީ ކުށުގެ ރެކޯޑެއް ނެތް ނަމަވެސް ކުށުގެ ވެށީގައި ކުށްތަކަށް އަރައިގަތުމުގެ ހިރާސްގައި ތިބި ކުދިންނާއެކު ޖުމްލަ 1،000 އެއްހައި ކުޑަކުދިން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާކަން ދައުލަތުގެ އިދާރާތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މި އެއްހާސް ކުދިން އަޅުގަނޑުމެން އަޅާނުލައިފިއްޔާ، ނުވަތަ މިއޮތް ހުރިހާ ދުވަހު މިނިޒާމުގެ ތެރެއިން އޮތް ގޮތަށް ބާއްވައިފިއްޔާ، މި އެއްހާސް ކުދިން ކުރިއަށް އޮތްތާ ފެންނާނީ ޖަލުން ނުވަތަ ޖަލަށް ދާ ވަރުގެ ކުށްތަކަށް އަރައިގަންނަމުންދާ ތަން،" އިހުސާން ވިދާޅުވިއެވެ.
"މިކަމަށް ބޮޑު ޓްރާންސްފޯމޭޝަނަލް ބަދަލެއް ގެނައުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތަކީ އަޅުގަނޑުމެން އިއުލާނުކުރައްވާފައިވާނެ ހޯޕް އައިލެންޑްގެ ނަމުގައި ވަކި ރަށެއް ތަރައްގީކޮށް މިކުދިންނަށް ބޭނުންވާ އެހީތެރިކަން ދައުލަތަކުން އެކުދިންނަށް ދޭ ދެވަނަ ފުރުސަތު، ލައިފްގަ ކާމިޔާބު ބަޔަކަށްވާން ބޭނުންވާ ދެވަނަ ފުރުސަތު އަޅުގަނޑުމެން އެކުދިންނަށް ފޯރުކޮށްދޭނަން،"
އިހުސާން ވިދާޅުވީ ހޯޕް އައިލެންޑް ގާއިމުކުރެވި ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެންދެން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގާއިމުކުރަންޖެހޭ މަރުކަޒުތައް ގާއިމުކޮށް މިހާރުން މިހާރަށް އެކުދިންނަށް ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ނަމަވެސް މި ނިޒާމު ހިންގުމަށް ތަމްރީނު ލިބިފައިވާ މީހުން ބޭނުންވާކަމަށާއި، ހޯޕް އައިލެންޑް ގާއިމުކުރެވުމުން އެތަނުގައިވެސް ކުދިން ބަލަހައްޓައި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އިންސާނީ ވަސީލަތް ގާއިމުކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކުށުގެ ވެއްޓަށް ކުދިން ވެއްދުމަކީ މިހާރު ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަަނޑައަޅާފައިވާކަން ފާހަގަކުރައްވައި އެގޮތަށް ކުޑަކުދިން ޖިނާއީ ކުށްތަކުގެ ތެރެއަށް ވައްދައި އެކުދިން ނާޖައިޒު ގޮތުގައި ބޭނުންކުރާ މައްސަލަތައް ބެލުމަށް ހާއްސަ ތަހުގީގުތަކެއް މިހާރު ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރުވަނީ ކުޑަކުދިން ކުށުގެ ވެއްޓަށް ވައްދައި ކުދިން ނާޖައިޒު ގޮތުގައި ބޭނުންކުރަމުންދާ މީހުންގެ މައްސަލަތައް ބަލައި ޖިނާއީ ދައުވާތައް އުފުލައި އެމީހުންނަށް ހައްގު އަދަބު ދެވިގެންދާނެ ކަމަށެވެ.