ENGLISH
05 ޖުލައި 2025
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރުކޮށް މި ދައުރުތެރޭ މަަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ: އިޙްސާން
12 މޭ 2025
|
ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރުކޮށް މި ދައުރުތެރޭ މަަސްތުވާތަކެތީގެ މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަޤީންކަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން މިރޭ ދެއްވައިފި އެވެ.
މިނިސްޓަރު މިކަމުގެ ޔަޤީންކަން ދެއްވީ މިރޭ އޮތް "އަހާ" ފޯރަމްގަައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަސްތުވާތަކެތީގެ މައްސަލަ މި ދައުރުގެ ތެރޭގައި ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ އެއީ ކޮން ގޮތަކުން މަސައްކަތް ކުރައްވައިގެން ހާސިލު ކުރައްވާނެ ކަމެއްތޯ ސުވާލު ކުރުމުން އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އޮތް ގޮންޖެހުންތައް ނައްތާލުމުގެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ކަމަށެވެ.
ފުރަތަމަ ކަމެއްގެ ގޮތުން މިނިސްޓަރު ފާހަގަ ކުރެއްވީ އެ މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ އިދާރާތައް އެއް މިނިސްޓްރީގެ ދަށަށް ގެނައުމެވެ. މިނިސްޓަރު ވިދާޅުވީ އެ ފުށުއެރުން މިހާރު ނައްތާލެވިފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ގެންގުޅޭ ސިޔާސަތު ބަދަލުކޮށް މަސްތުވާތަކެތީގެ ފަހަތުން ދުވުމުގެ ބަދަލުގައި އެ ވިޔަފާރި ހިންގާ މީހުން ހިފާ ހައްޔަރުކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މަސްތުވާތަކެތީގެ ފަހާ ދުވުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިފާ ހައްޔަރުކޮށް ހުއްޓުވުމަށް އަޅުގަނޑުމެން މި ސަމާލުކަން ދެނީ,"
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެހެން ވިޔަފާރިތަކުގެ ފަހަތުގައި ފިލާ ތިބުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށެވެ. އެފަދަ މީހުން ހޯދާ ހައްޔަރުކޮށް އެ ވިޔަފާރިތައް ވެސް ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަ ކުރެއްވީ ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި އެ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ދެ މީހުން ހައްޔަރުކޮށް އެ މީހުންގެ މައްސަލަ ބަލަމުންދާކަން ފާހަގަ ކުރެއްވި އެވެ.
"އެ މީހުން (މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން) ފަހާ އަޅުގަނޑުމެން ދުވާނީ. އެ މީހުން އަޅުގަނޑުމެން ހުއްޓުވާނީ," މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް މި ދައުރުގެ ތެރޭގައި ގެނެސް ދެއްވާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިރޭ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވާ އެ ތަކެތި ދައުރުވުން ހުއްޓުވުމަށް ވެސް މިދިޔަ 18 މަސް ދުވަހު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އެ ގޮތުން މިދިޔަ 18 މަސް ދުވަސްތެރޭ 700 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަން ފާހަގަ ކުރެއްވި އެވެ. އެއީ މަގުމަތީ އަގުން ބަލާނަމަ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެކި ރަށްތަކަށް އެރުވުމަށް މަސައްކަތް ކުރި 9,000 ވުރެ ގިނަ ރާފުޅި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޕޯސްޓް މެދުވެރިކޮށާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ކަނޑުގެ މަގުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.