ENGLISH

05 ޖުލައި 2025

Advertisement

އައިސް ނުލިބުން 5 އަހަރުން ހައްލުކުރަނީ، މިހާރުވެސް އާ 3 ޕްލާންޓު ދަނީ އަޅަމުން

12 މޭ 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ މި ފަސް އަހަރު ތެރޭ މާތްﷲގެ އިރާދަފުޅާއެކު ހައްލުކުރައްވާނެކަމަށާއި، އެކަމަށްޓަކައި މިހާރުވެސް މުޅިން އަލަށް ތިން އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ރައްޔިތުން ސީދާ ވަޒީރުންނާ ސުވާލުކުރާ ސިލްސިލާ ފޯރަމް "އަހާ"ގެ ފަސްވަނަ ފޯރަމުގައި ބެލުންތެރިޔަކު އައިސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމު ވިދާޅުވީ ނިމުނު ސަރުކާރުން ފެނަކައާ ހަވާލުކުރި 17 އައިސް ޕްލާންޓުތަކުގެ ތެރެއިން ވަރަށް ގިނަ ޕްލާންޓުތައް މަސައްކަތްނުކުރާ ކަމަށެވެ. 

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އައިސް ޕްލާންޓުތައް އަލުން މިފްކޯގެ ދަށަށް ބަދަލުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އެ ކުންފުންޏަކީ އައިސް ޕްލާންޓުތައް ބެލެހެއްޓުމާއި އޮޕަރޭޓުކުރުމުގެ ތަޖުރިބާ ހުރި އަދި އެ މަސައްކަތުގެ ތަމްރީނު ލިބިފައިވާ މުވައްޒަަފުންވެސް ތިބި ކުންފުނި ކަމަށެވެ. އަދި އެ އައިސް ޕްލާންޓުތައް މިފްކޯގެ ދަށަށް ގެނައުމަށްފަހު އަލުން އޮޕަރޭޝަނަލް ކުރުމަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރަންޖެހުނުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"ވަރަށް ގިނަ އައިސް ޕްލާންޓުތައް މަސައްކަތްވެސް ނުކުރޭ. އެހެންވީމާ އަޅުގަނޑުމެން މިޖެހުނީ ވަރަށް ގިނަ އައިސް ޕްލާންޓުތައް އޮޕަރޭޝަނަށް ގެނައުމަށް މިނިސްޓްރީގެ ބަޖެޓުންވެސް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަން. އެކަންކަން އަޅުގަނޑުމެންވާނީ ކޮށްފަ. މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު،" މިނިސްޓަރު ވިދާޅުވިއެވެ. 

ޝިޔާމު ވިދާޅުވި ގޮތުގައި އެ ތިން އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 

މަހުގެ ތާޒާކަން ކަށަވަރުކުރުމަށް އައިސްގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދޯނިތަކުގައި އާރްއެސްޑަބްލި ނިޒާމު، ނުވަތަ ލޮނުފެން ގަނޑުކޮށްގެން އައިސްގެ ގޮތުގައި ބެލެހެއްޓުމުގެ ނިޒާމު ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކިގެން މިނިސްޓްރީން އެކަމަށް ބާރުއަޅަމުންދާ ކަމަށެވެ. އައިސް ޕްލާންޓުތައް ހުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަމަށްވާތީ އައިސް ނުލިބެގެން އެއް ޕްލާންޓުން އަނެއް ޕްލާންޓަށް ދަތުރުކުރަންޖެހިގެން ހޭދަކުރަންޖެހޭ ބޮޑު ހަރަދު މި ނިޒާމު ގާއިމުކުރުމުން ސަލާމަތްވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"އައިހަށް މިޖެހޭ ޖެހުން އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް ނިމުމަކަށް ގެންނާނަން. މި އަހަރު އެކަނި ތިން އައިސް ޕްލާންޓުގެ މަސައްކަތް އަލަށް ފަށައިގެން ކުރިއަށް އެބަގެންދަމު. އަދި ހަމައާއެކު އިތުރު ފަސް ޕްލާންޓެއްގެ މަސައްކަތްކުރުމަށް ޓެންޑާކުރެވި ބީލަންތައް ބަލައިގަނެ ބީލަން އިވެލުއޭޓުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދަނީ،" މިނިސްޓަރު ވިދާޅުވިއެވެ. 

މި އަހަރު އަލަށް ގާއިމުކުރާ ތިން އައިސް ޕްލާންޓުގެ މަސައްކަތް ނިންމައި ކުރިއަށް ދެތިން މަސް ތެރޭ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި، ޖުމްލަ ފަސް ޕްލާންޓެއްގެ މަސައްކަތް މި އަހަރުވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މިހާރު އައިސް އުފެއްދޭ މިންވަރުގެ ތެރެއަށް 700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމެވެ. 

މި ފަސް އަހަރު ތެރޭގައި 17 އައިސް ޕްލާންޓުގެ މަސައްކަތް ކުރެވިއްޖެނަމަ އެ މިންވަރަށް އައިސް އުފެއްދޭނެ ކަމަށް ވިދާޅުވުމާއެކު ޝިޔާމު ފާހަގަކުރެއްވީ 110 ދޯންޏެއްގައި އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމުކުރުމަށް ބޮޑު ހޭދައެއް ސަރުކާރުން ކުރަމުން އަންނަ ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު