ENGLISH
05 ޖުލައި 2025
އޭލެވެލް ކިޔަވާ ދަރިވަރުންގެ ނިސްބަތް %35 އިތުރުވެއްޖެ
12 މޭ 2025
|
އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު
އޯލެވެލް ނިންމުމަށްފަހު އޭލެވެލް ފުރިހަމަކުރާ ދަރިވަރުންގެ ނިސްބަތް %35 އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރަައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ"ގެ ފަސްވަނަ ފޯރަމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަަމަ ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އުމްރާނީ ގޮތުންނާއި ފިކުރީ ގޮތުން ތަރައްގީކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވި ކަމަށެވެ.
އަދި ފިކުރީ ތަރައްގީއަށްޓަކައި ކުރައްވާނެ އެންމެ މުހިއްމުކަމަކީ ތައުލީމުގެ ފެންވަރު ރަނގަޅުކުރެއްވުމާއެކު ވީހާވެސް ފަހި ފުރުސަތުތަކެއް ދަރިވަރުންނަަށް ހޯދައިދެއްވުންކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށްވެސް ޑރ.ޝަފީއު ވިދާޅުވިއެވެ.
ފާއިތުވި ދޮޅު އަހަރު ތެރޭގައި ކުރެވުނު އެންމެ ބުރަ މަސައްކަތަކީ އޯލެވެލް ނިންމުމަށްފަހު މަގުމަަތިވާ ދަރިވަރުން މަދުކޮށް، އޭ ލެވެލް މަރުހަލާގައި ކިޔަވާ ދަރިވަރުން އިތުރުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވަަމުން، ޑރ.ޝަފީއު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުގައި 76 އިންސައްތަ ދަރިވަރުންނަށް މިހާރު އޭ ލެވެލް ފުރުސަތު ލިބޭ މިންވަރަށް އެ ފުރުސަަތު ފުޅާކުރެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތައް ހިމެނޭ ގޮތަށް ފާއިތުވި މުއްދަތުގައި އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންގެ ނިސްބަތް 35 އިންސައްތައިން އިތުރުކުރެވިފައިވާ ކަމަށެވެ.
"އަދި މުޅި ރާއްޖޭގެ ހުރިހާ ސެކްޓާތަކެއް ޕްރައިވެޓް ސެކްޓާ ސްކޫލުތަކާއި ސަރުކާރު ސްކޫލުތަކާއި އަތޮޅު ތެރެއަށް ބަލައިލީމާ ގްެރޭޑު ދިހައެއް ނިންމާލައި މަތީ ސާނަވީގައި ބައިވެރިވާ ކުދިންގެ ނިސްބަތް 35 އިންސައްތަ އިތުރުކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރަށް ޓީޗަރުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ހުކުރު ދުވަހަކީ ހަަގީގީ މާނާގައި ޓީޗަރުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި އެ ދުވަހު މަސައްކަތްކުރަންނުޖެހޭނެހެން އިންތިޒާމުތައް މިހާރު ތަރުތީބުކުރެވިފައިވާ ކަމަށް ޑރ.ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދިރާސީ އަހަރު ފެށޭ ދުވަސް ޖަނަވަރީ މަހަށް ބަދަލުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މަސައްކަތުގެ ފަހު މަރުހަލާ ފުރިހަމަކުރެވި އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖަނަވަރީ މަހު ދިރާސީ އަހަރު ފެށޭ ގޮތަށް ނިމިގެންދާނެ ކަމަށެވެ.