ENGLISH

16 މޭ 2025

Advertisement

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް: ދިވެހި ރާއްޖޭގައި ނަރުސްކަމުގެ އޭރާއި މިހާރު

12 މޭ 2025

|

އިސްމާއީލް ރާތިއު

ނަރުސްކަން ކިޔަވާ ކުދިންތަކެއް އަމަލީ ތަޖުރިބާ ހޯދުމުގަ-- ފޮޓޯ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރާއްޖޭގެ ރަށްތަކުގައި މީހުން ވަޒަންވެރިވެ، ދިރިއުޅެން ފެށީންސުރެ ނުރަސްމީ ގޮތެއްގައި ނަރުހުންގެ ޚިދުމަތް ދެމުން ދިޔައެވެ. ނަމަވެސް، މިހާރު މި ފެންނަ ޒަމާނީ ނަރުސްކަމުގެ ތެރެއަށް ދިވެހިންނަށް ފީނައިގަނެވުނީ 1960 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރުން ފެށިގެން އަދާ ހަމައަށް އައި އިރު، ދާއިރާއަށް އެކި ގޮތްގޮތުން އައި ބަދަލުތަކުގެ ވާހަކަ، މިއަދު ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރާއިރު ދެއްކުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ނަރުސްކަން ކިޔަވައިދިނުމުގައި އައިސްފަހުރި ބަދަލުތަކަށް ބަލާލާނަމެވެ.

ދިވެހިރާއްޖޭގައި ނަރުހުން ތަމްރީންކުރަން ފަށާފައިވަނީ 1961 ވަނަ އަހަރު، ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ.) އިން ރާއްޖެ އަށް ފޮނުވި ޑޮކްޓަރު، ޑރ. ޢުމަރު މުޙައްމަދު ޙަޔާތުގެ އިރުޝާދުގެ ދަށުންނެވެ. މި ގޮތުން ތަމްރީންވި ފުރަތަމަ ނަރުހުން ހޮސްޕިޓަލުގައި މަސައްކަތްކުރަން ފެށީ 8 ޖޫން 1963 ގައެވެ. ނަމަވެސް މިއަށްވުރެ ކުރިންވެސް ދިވެހި ނަރުހުން، ޑަބްލިއު.އެޗް.އޯ.ގެ ސްޕެޝަލް އެއިޑް ޕްރޮގްރާމުގެ ތެރެއިން ރާއްޖޭން ބޭރުން ތަމްރީނު ހޯދިކަމަށް ޑަބްލިއު.އެޗް.އޯ މޯލްޑިވްސް އިން ބުނެއެވެ. އެންމެ ފުރަތަމަ  ދިވެހި ތިން ނަރުހުން ކަމަށް ޑަބްލިއު.އެޗް.އޯ. މޯލްޑިވްސް އިން ބުނެފައިވަނީ މޫމިނާ ޙަލީމާއި ނަސީމާ މުޙައްމަދު ކަލޭފާނާއި ޢައިޝަތު އިބްރާހިމް ދީދީއެވެ.

ރާއްޖޭގައި ނަރުސްކަން ކިޔަވައިދޭން ވަކި ސްކޫލެއް ގާއިމްކުރެވުނީ 1973 ވަނަ އަހަރު، އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުގެ ނަމުގައި، ޞިއްޙަތާބެހޭ ވުޒާރާގެ ދަށުންނެވެ. އަދި 1991 ވަނަ އަހަރު، މި ސެންޓަރުގެ ނަން އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްގެ ނަމަށް ބަދަލުކޮށް، ފުރަތަމަ ފަހަރަށް ޑިޕްލޮމާ ފެންވަރަށް ކިޔަވައިދޭން ފެށިއެވެ. އަދި 1998 ވަނަ އަހަރު، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ނަމަށް ބަދަލުކުރިއެވެ. 2017 ވަނަ އަހަރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން ސްކޫލް އޮފް ނަރސިންގ އުފެއްދުމާ ހަމައަށް ނަރުސްކަން ކިޔަވައިދެމުން އައީ އެފްއެޗްއެސްގެ ދަށުންނެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ނަރުސްކަމުގެ އަންޑަރގްރެޖުއޭޓް ފެންވަރުގެ ކޯހެއް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އަދި 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް މާސްޓަރސް ފެންވަރަށް ކިޔަވައިދޭން ފެށިއެވެ.

ހަމައެކަނި ނަރުސްކަމުގެ އަސާސީ ތަމްރީނުތައް ދިނުމަށް ފެށި އެލައިޑް ހެލްތު ސަރވިސަސް، އެމް.އެން.ޔޫ. ސްކޫލް އޮފް ނަރސިންގެ ނަމުގައި މާސްޓަރސް ފެންވަރާ ހަމައަށް ކިޔަވައިދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި ރާއްޖޭގެ އުތުރުން ދެކުނަށް މިހާރު ވަނީ ފެތުރިފައެވެ. ރާއްޖޭގައި އޭރުވެސް، މިހާރުވެސް އެންމެ ގިނަ ނަރުހުން ތަމްރީނު ވަނީ މި އިންސްޓިޓިއުޓުންނެވެ. އޭރު އަސާސީ ތަމްރީނުން ފުއްދާލަން ޖެހުނު ނަމަވެސް މިހާރު މާސްޓަރސް ސަނަދެއްގެ އިތުރަށް ޢަމަލީ ތަޖުރިބާއާ ވެސް އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު