ENGLISH
18 މޭ 2025
ހުދާނާ: އުފަން ރަށަށް ޚިދުމަތްކުރަން ނުކުތް ފުރަތަމަ ނަރުސް، ފަޚުރުވެރި ހިނިތުންވުމުގައި
12 މޭ 2025
|
ހުދާނާ ނަސީރު/ކ.ގާފަރު/އެވަރބްލޫ އެރަށުގެ ހެލްތު ސެންޓަރަށް ނަރުހެއްގެ ގޮތުގައި ގުޅުން ވެގެން ދިޔައީ އެރަށުގެ ތާރީހުގެ ތެރެއަށް އޭނާގެ ނަން ހިމެނުނު ކަމަކަށެވެ. ހުދާނާ ވެފައިވަނީ އެރަށުގައި ދިވެހި ނަރުހަކަށް ވި ފުރަތަމަ ނަރުހަށެވެ. މީގެ 15 އަހަރު ކުރީގެ އެ ހަނދާންތައް މިއަދު އެމްއެމްޓީވީއާ ހުދާނާ ހިއްސާކުރީ އެއީ އަމިއްލަ އުފަންރަށަށް ހިދުމަތްކުރަން ނިިކުން އެންމެ ފުރަތަމަ ނަރުހަށްވުމުގެ ހިތްހަމަޖެހުމާ އެކު އެވެ. އޭނާގެ އުފަން ރަށުގައި ނަރުހެއްގެ ވަޒީފާއަށް ދިއުމުގެ ކުރިން އެރަށުގައި މަސައްކަތްކުރީ ބިދޭސީ އެންމެ ނަރުހެކެވެ.
މަދަރުސީ ދައުރަށްފަހު ވެސް ނަރުހަކަށް ވުމަށް ހިތުގައި އަޒުމެއް ނެތް ނަމަވެސް ނަރުހަކަށް ވެ ރަށަށް ހިދުމަތްކުރުމުގެ ޝައުގުވެރިކަން ނެތް ނަމަވެސް މިއަދު އެ ވަޒީފާގައި އާއްމުނަށް ހިދުމަތްދެނީ ދޭ ހިތުން އުފަލުން ފޮޅިފައިހުރެ އެވެ.
ނަރުހަކަށް ވުމަށް ޝައުގުވެރިކަން އުފެދުނީ ސްކޫލް ނިންމާފައި ރަށަށް ގޮސް ރަށު ހެލްތް ސެންޓަރު އެޑްމިން ވަޒީފާގައި އުޅުނު ދުވަސްވަރެވެ. އެ ހިސާބުން ޓީޗަރަކަށް ވެގެން ރަށަށް ހިދުމަތްކުރަން ގެންގުޅުނު ވިސްނުން ދޫކޮށް ހަމައެކަނި ބިދޭސީން ދެމުންދިޔަ ހިދުމަތް ރަށު މީހަކު ރަށުގައި ދިނުމުގެ އަޒުމުގައި ނަރުހަކަށްވުމަށް ނިޔަތް ގަތެވެ.
"ހެލްތް ސެންޓަރުގައި އެޑްމިން ވަޒީފާގައި ހުރިއިރު ހިތައް އަރަނީ މިއީ ރަނގަޅު ވަޒީފާއެކޭ. ރަށަށް ހިދުމަތެއް ކުރަން ނަރުހަކަށޭ ވާނީ. އެހެން ހިތައް އަރާފައި ނަރުސްކަން ކިޔަވަން ހުޅުވާލާފައި އޮތް ފުރުސަތެއްގައިނ ކުރިމަތިލައިގެން ހޮވުނީ،" ހުދާނާ ކިޔާދިނެވެ.
ތިން މަސް ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރުމަށްފަހު އުފަންރަށަށް ބަދަލުވެ ނަރުހެއްގެ ހިދުމަތް އޭނާގެ ފަރާތުން އަމިއްލަ ރަށަށް ދޭންފެށީ 2010 ވަނަ އަހަރެވެ. ނަރުހަކަށްވެވުމުގެ ފަޚުރު ދެ ގުނަ ވަނީ އުފަންރަށަށް ހިދުމަތްކުރެވޭތީކަމަށް އޭނާ ބުންޏެވެ.
"ރަށަަށް ބަދަލުވީ ވެސް ހަމަ ރަށަށް ހިދުމަތްކުރަން ބޭނުންވާތީވެ. ކޮންމެ ވަގުތެއްގައިވެސް ކޮންމެ ގަޑިއެއްގައި ގުޅާލިޔަސް މިދެވެނީ ބަލި މީހަކަށް ވުމުގެ އިތުރުން އަމިއްލަ ރަށުގެ ހިދުމަތްދޭ މީހަކަށް ހިދުމަތްދެވުމަކީ އަދި ވަރަށް ބޮޑު އުފަލެއް،"
ސިއްހީ ހިދުމަތަކީ އޭގައި މީހުންގެ ހިތްހަމަނުޖެހުންތައް ކުރިމަތިވާ ކަމަކަށްވާއިރު ބައެއް ހާލަތްތަކުގައި ހިތްކުދި ކުދިވާފަދަ ބަސްތައް ހުދާނާގެ ކަންފަތުގައިވެސް ޖެހުނެވެ. އެއީ ކޮންމެ ތާކުވެސް ހިނގާނެ ގޮތްކަން އޭނާ ގަބޫލުކުރެ އެވެ. މީހުން ހިތްހަމަނުޖެހުންތަކާ ކުރިމަތިލަނީ ކިހިނެތްތޯ އަހާލުމުން ހުދާނާ ސާބިތުކަމާއެކު ބުނީ އެއީ އެވަގުތައް މީހުނަށް ބުނެވޭ އެއްޗެހި ކަމަށާއި އޭގެ ސަަބަބުން އޭނާ ދެމުންދާ ހިދުމަތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ދެހާސް ނުވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ނަރުހެއްގެ ގޮތުގައި އުޅުނުއިރު އޭނާގެ ހިތުގައި ހިތްހަމަނުޖެހުމެއް އޮތް މީހަކު ނެތެވެ.
"ކޮންމެ މީހަކު އަޔަސް އެ މީހަކަށް ހިދުމަތްދެނީ އުފަލުން ހިތް ސާފުކޮށް އޮވެގެން. ނުހުންނާނެ ނުރުހޭ އެކަކުވެސް މިތާކު. ކުރިން މީހަކު ބުނި އެއްޗަކާހުރެ އޭ ކިޔާފަ ހިތުގައި ނުހުންނާނެ އެކަމެއް،" ހުދާނާ ބުންޏެވެ.
ހުދާނާ އަކީ މަސައްކަތުގައި ހަމައެކަނި ޑިއުޓީއަށް ބަލާ މީހެއް ނޫނެވެ. ރަށުގައި ހެލްތް ސެންޓަރަށް ބަލި މީހަކު ގެނެސްގެން އުޅޭއިރަކު އޭނާ ބޭނުން ނިމެންދެން އެތަނުގައި މަޑުކުރުމަކީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމެވެ. ގޭގައި ހުއްޓާ ބޭނުން ވެގެން ގޮވާލި ކޮންމެ ވަގުތެއްގައި ހުދާނާ ޑިއުޓީއަށް ނިކުތީ އެއީ އޭނާގެ ޒިންމާއެއް ކަމަށް ދެެކިގެންނެވެ. ޗުއްޓީގައި ހުރެވެސް ނިކުންނަން ޖެހުނު ދުވަސްތަކުގައި އެއްވެސް ޝަކުވާއެއް ނެތި ނިކުމެ އޭނާ އެ ދިން ހިދުމަތަކީ ނަރުހެއްގެ ޚިދުމަތުގެ ފުރިހަމަ ރީތި ނަމޫނާއެކެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ހެލްތް ސެންޓަރުން ކުރި މަސައްކަތްތަކުގައި ހުދާނާ އުފަން ރަށުގައި ކުރި މަސައްކަތަކީ އޭނާގެ ހިދުމަތުގައި ފަނޑުނުވާނެ އެއް ސަފުހާއެވެ.
ހިދުމަތުގައި އޭނާއާ މެދު ރަށުގެ މީހުންގެ ހިތުގައި އޮންނަ ޔަގީންކަން އެއީ އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ. ހުދާނާ ގާތަށް ގޮސް އިންޖެކްޝަނެއް ޖަހަން ނުވަތަ ބޭސްއަޅަން ދާ މީހާ އެ އަންނަނީ އޭނާގެ ހިދުމަތަށް ބޭނުންވެގެންކަން ޔަގީންވާ ކަމީ އޭނާއަށް ލިބޭ އުފަލެވެ.
މުޙައްމަދު މުރުޝިދު ·