ENGLISH
04 ޖޫން 2025
ލިވަޕޫލް އަތުން އާސެނަލަށް މުހިއްމު ޕޮއިންޓެއް
12 މޭ 2025
|
ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުކޮށް، އާސެނަލުން މުހިއްމު ޕޮއިންޓެއް ހޯދައިފިއެވެ.
މި ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ލިވަޕޫލެވެ. އެ ޓީމު އެއްވަނައިގައި އޮތީ 36 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އާސެނަލް އޮތީ 68 ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތްއިރު، މެންޗެސްޓަރ ސިޓީ އޮތީ 65 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ޗެލްސީ އަށް 63 ޕޮއިންޓާއެކު ލިބިފައިވަނީ ފަސްވަނަ އެވެ.
އެންފީލްޑްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ކޯޑީ ގަކްޕޯ އާއި ލުއިސް ޑިއާޒް އެވެ.
ފަހު ހާފުގައި އާސެނަލަށް އެއްވަރުކޮށްދިނީ ގެބްރިއެލް މާޓިނެލީ އާއި މިކޭލް މެރީނޯ އެވެ.
އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް މެރީނޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އާސެނަލުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ވަނީ ބަލިވެފައެވެ. ނިއުކާސަލްގެ ދަނޑުގައި އެ ޓީމު އަތުން ޗެލްސީ ބަލިވީ ވެސް ހަމަ 2-0 އިންނެވެ.