ENGLISH

18 މޭ 2025

Advertisement

"ދަ ލޭޑީ ވިތު ދަ ލޭމްޕް" : ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ބާނީ

12 މޭ 2025

|

އިސްމާއީލް ރާތިއު

ފްލޮރެންސް ނައިޓިންގޭލް-- ފޮޓޯ: ބްރިޓޭނިކާ

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ އިޓަލީއަށް އުފަން، އިނގިރޭސި ނަރުހެއް ކަމަށްވާ ފްލޮރެންސް ނައިޓިންގޭލް އަށެވެ.

ފްލޮރެންސް ނައިޓިންގޭލް އުފަންވެފައިވަނީ 12 މެއި 1820 ގައި އިޓަލީގެ ފްލޮރެންސްގައެވެ. އޭނާއަކީ ނަރުހެއްގެ އިތުރުން ސްޓެޓިސްޓިޝަނެއް އަދި އިޖުތިމާޢީ ކުރިއެރުމަށް މަސައްކަތްކުރި މީހެކެވެ. ދުނިޔޭގައި މިހާރު މި ފެންނަ ޒަމާނީ ނަރުސްކަމުގެ ބާނީ އަކީ އޭނާއެވެ.

އޭނާ ދުނިޔޭގެ ސަމާލުކަމަށް އައީ ކްރިމިއަން ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ނަރުހުންނާ ހަވާލުވެގެން ތުރުކީގައި ހުރި ދުވަސްވަރުގަވެ. އެ ދުވަސްވަރު، އޭނާ މަޝްހޫރުވީ، ހަނގުރާމައިގައި ޒަޚަމްވެފައިވާ ސިފައިންނަށް ފަރުވާދިނުމަށް ރޭގަނޑުގެ ވަގުތުތަކުގައިވެސް އުއްބައްތި އަލީގައި އެހީތެރިކަން ފޯރުކޮށްދޭ މަންޒަރު ފެންނަ ކުރެހުމެއް އާންމުވެ، "ދަ ލޭޑީ ވިތް ދަ ލޭމްޕް" ގެ ނަމުންނެވެ. އެހެންނަމަވެސް އޭނާ ނަރުސްކަމަށް ކޮށްދިން ހަމައެކަނި ޚިދުމަތަކީ ދަންފަޅި ބަހައިގެން އޯގާތެރިކަމާއެކު ފަރުވާދިނުމެއް ނޫނެވެ. އޭގެ އިތުރުން، ފަރުވާ ދޭ ތަންތަނުގައި ސާފުޠާހިރުކަން އިތުރުކޮށް، ސާފުޠާހިރުކަން ނެތުމުގެ ސަބަބުން ފަރުވާދޭ މަރުކަރުތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ސަބަބުންނެވެ. 

ފޮޓޯ: ނޭޝަނަލް އާމީ މިއުޒިއަމް (ޔޫކޭ)

މިހާރު މިއޮތް ގޮތަށް، ނަރުސްކަން ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަކީ ނައިޓިންގޭލް ވަރަށް ކުރިއްސުރެ ކުރި އުއްމީދެކެވެ. އަދި އެ އުއްމީދު ޙާޞިލުކުރުމަށް ކެނޑިނޭޅި ކުރި މަސައްކަތްތަކުގައި ކުލަޖެހުނީ 1860 ވަނަ އަހަރު، ލަންޑަނުގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސައިންޓިފިކަލީ ބޭސްޑް ނަރސިންގ ސްކޫލް، "ދަ ނައިޓިންގޭލް ސްކޫލް އޮފް ނަރސިންގ" ހުޅުވުމުންނެވެ. މި ނަރސިންގ ސްކޫލް ބިނާކުރީ 1855 ވަނަ އަހަރު އުފެއްދުނު ދަ ނައިޓިންގޭލް ފަންޑު އުފެދުނީއްސުރެން 1859 ވަނަ އަހަރާ ހަމައަށް އެ ފަންޑަށް އާންމުން ހަދިޔާކުރި 45،000 ޕައުންޑު ބޭނުންކޮށްގެންނެވެ. އެކިއެކި މަސައްކަތްތައް ކުރާ ސައިޓުތަކުގައި މަސައްކަތްކުރާނެ ނަރުހުންނާއި ފޫޅުމައިން ތަމްރީނުކުރުމުގައިވެސް ނައިޓިންގޭލްގެ ވަރަށް ބުރަ މަސައްކަތްތަކެއް އެކުލެވެއެވެ. އޭނާގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 1907 ވަނަ އަހަރު ނައިޓިންގޭލްއަށް "އޯޑަރ އޮފް މެރިޓް" އަރުވާފައިވެއެވެ. އަދި އޭނާ ވެގެން ދިޔައީ އެ ޝަރަފު އެރުވުނު ފުރަތަމަ އަންހެން މީހާއަށެވެ.

ނައިޓިންގޭލް ނަރުސްކަމުގެ ތަމްރީނު ހޯދާފައިވަނީ ޖަރުމަނުގެ ކައިސަރސްވަރތުގައި ހުންނަ "ދަ އިންސްޓިޓިއުޝަން ފޯ ޕްރޮޓެސްޓަންޓް ޑައިކޮނެސަސް" އިންނެވެ. ފުރަތަމަ ފަހަރު އޭނާ އެތަނުގައި ކިޔަވާފައިވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ. އެއީ ޖުލައި 1850 ގައެވެ. އަދި ދެވަނަ ފަހަރު، ޖުލައި 1851 ގައި ތިން މަސްދުވަހުގެ މުއްދަތަކަށެވެ. މިތަނުގައި ނަރުސްކަމުގެ އަސާސީ ތަމްރީނު ފުރިހަމަކުރުމުގެ އިތުރަށް، ޕޭޝަންޓް އޮބްޒަރވޭޝަންގެ މުހިންމުކަން ފަދަ ކަންކަން ދަސްކުރިއެވެ. އަދި 1853 ގައި ލަންޑަނުގަ ހުންނަ "ދަ އިންސްޓިޓިއުޝަން ފޯ ސިކް ޖެންޓަލްވިމެން އިން ޑިސްޓްރެސްޑް ސަރކަމްސްޓޭންސަސް" ގެ ސުޕަރިންޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރަން ފެށިއެވެ. މިތަނުގައި މަސައްކަތްކުރުމުގެ ތެރެއިން އޭނާގެ ހުނަރު ދައްކުވައިދީ، ހޮސްޕިޓަލުގެ ނަރުހުންގެ ޚިދުމަތުގެ ފެންވަރުގެ އިތުރުން އެތަނުގެ މަސައްކަތުގެ ހާލަތާއި ހޮސްޕިޓަލުގެ ކުރުންތެރިކަންވެސް އިތުރުކުރިއެވެ.

ނައިޓިންގޭލްގެ ދެވަނަ ވަޒީފާއަކަށްވީ 1853 ގައި ތުރުކީއާއި ރަޝިއާ އާ ދެމެދު ކުރެވުނު ހަނގުރާމައިގައި ޒަޚަމްވި ތުރުކީ ސިފައިންނަށް ފަރުވާދިނުމަށް ތުރުކީގެ ސްކުޓާރީގައި ގާއިމުކުރި ހޮސްޕިޓާތައް ބެލެހެއްޓުމެވެ. ނައިޓިންގޭލްގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ދަންނަނީ މިދުވަސްވަރު އޭނާ ކުރި މަސައްކަތްތައް ކަމުގައިވިޔަސް، އޭނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ބިނާވެފައިވަނީ އިޖުތިމާޢީ ތަރައްޤީއަށް ކުރި މަސައްކަތާއި ޞިއްޙީ ދާއިރާ އާއި ޚާއްޞަކޮށް ނަރުސްކަން ފަންނަކަށް ހަދައި އެ ފަންނު ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ މައްޗަށެވެ.

މިއަދު ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިދާއިރާއަށް ފްލޮރެންސް ނައިޓިންގޭލް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ހަމައެކަނި ލޭޑީ ވިތް ދަ ލޭމްޕެއް ނޫނެވެ. އެ ފާނޫޒުގެ އަލިން ޒަމާނީ ނަރުސްކަން ބިނާކޮށް، މިއަދު މި އޮތް މަޤާމަށް ވާސިލުވާނޭ މަގުދައްކައިދިން ބާނީއެވެ.                                                                              

ކިޔުންތެރިންގެ ހިޔާލު