ENGLISH
04 ޖޫން 2025
ފަހަތުންއަރައި ރެއާލް ބަލިކޮށް، ބާސާ ލީގު ހޯދުމާ ގާތަށް
12 މޭ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ބާސާގެ ރަފީނިއާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުންއަރައި 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ބާސެލޯނާ ވަނީ 35 މެޗުން 82 ޕޮއިންޓް ހަމަކޮށްފައެވެ. ރެއާލް ދެވަނައިގައި އޮތީ 75 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ފަނަރަ މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. ރެއާލަށް މި ދެ ލަނޑުޖަހައިދިނީ ކީލިއަން އެމްބާޕޭ އެވެ. މީގެތެރެއިން އެއް ގޯލުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
އޭގެފަހުން، މެޗުގެ 19 އާއި 32 ވަނަ މިނެޓުގައި އެރިކް ގާސިއާ އާއި ލަމީން ޔަމާލް ޖެހި ލަނޑުތަކުން ބާސެލޯނާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ރަފީނިއާ ވަނީ އިތުރު ދެ ލަނޑުޖަހައި، ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ރެއާލަށް އިތުރު ގޯލެއް ޖަހައިދީ، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ރޭގެ މެޗުން ހޯދީ މޮޅާއެކު، ލީގުގައި ބާކީ އޮތް ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެން ބާސެލޯނާ އަށް ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ.
ބާސެލޯނާ އަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ޑާބީ މެޗެވެ. ރެއާލް ދެން ނިކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.