ENGLISH
18 މޭ 2025
އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމަ ހައްލުކުރުމުގެ މަޝްވަރާތަކަށް "ބޮޑު ކުރިއެރުމެއް"
12 މޭ 2025
|
އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން މިހާރު ބޮޑުކޮށްފައިވާ އިންސައްތައިގެ ސަބަބުން ދެ ޤައުމުގެ ދެމެދު ފެށިފައިވާ ވިޔަފާރީގެ ހަނގުރާމަ ފިނިކުރަން، ދެ ޤައުމުގެ އޮފިޝަލުން ފެށި މަޝްވަރާތަކުގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް ބުނެފިއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި ކުރެވުނު މަޝްވަރާތަކަށް ފަހު، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓު ވިދާޅުވީ މި މުހިންމު ވިޔަފާރީގެ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ޓެެރިފްތައް ތަޢާރަފް ކުރި ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ހަ ލިފެންގއާއި ބެސެންޓާއި އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެމީސަން ގްރިއަރ ބައްދަލުވެފައި ވަނީ ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކުންނެވެ.
ގްރިއަރ ވިދާޅުވީ ކުރިން ލަފާކުރެވެނު ވަރަށް ވުރެ ދެ ފަރާތުގެ ޚިޔާލުތަފާތުވުންތައް ކުޑަ ކަމަށެވެ.
ހަ ލިފަންގ ވެސް ވިދާޅުވީ މި މަޝްވަރާތަކުގައި ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ. ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކޮށްފައިވަނީ 10 ޕަސެންޓުންނެވެ.
އޭގެ ރައްދުގައި ޗައިނާއިން ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން 125 ޕަސެންޓުން ޑިޔުޓީ ބޮޑުކޮށްފައެވެ.
އެއާ އެކު ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ މެދުގައި ފެށިފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ލޮޅުން ދުނިޔޭގެ އިޤްތިޞާދަށް ވެސް ވަނީ ކުރަން ފަށައިފައެވެ.