ENGLISH

04 ޖޫން 2025

Advertisement

ރެއާލް އާއި ބާސާގެ މުހިންމު ކުރިމަތިލުމެއް: މޮޅުވާ ބަޔަކަށް ލީގު ލިބުން ގާތް

11 މޭ 2025

|

އިސްމާއީލް ރާތިއު

ދެ ޓީމުގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: 2ޕްލޭބުކް

ފުޓުބޯޅައިގެ އެންމެ ވަރުގަދަ ކުރިމަތިލުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލަސިކޯގެ މުހިންމު މެޗެއް މިރޭ ކުޅޭނެއެވެ.

ރާއްޖެ ގަޑިން 7:15 ގައި ފަށާ މި މެޗުން މޮޅުވާ ބަޔަކަށް މި ސީޒަންގެ ލަލީގާ ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ. މި ވަގުތު ތާވަލުގެ އެއްވަނައިގައި 79 ޕޮއިންޓާއެކު ބާސާ އޮތް އިރު، ރެއާލް ދެވަނައިގައި އޮތީ 75 ޕޮއިންޓާއެކުއެވެ. އެހެންކަމުން މިރޭ ރެއާލް މޮޅުވެއްޖެ ނަމަ އެއް ޕޮއިންޓަށް ދެ ޓީމުގެ ފަރަގު ކުޑަވާނެއެވެ. އަދި ބާސާ މޮޅުވެއްޖެ ނަމަ، ހަތް ޕޮއިންޓަށް ފަރަގު ބޮޑުވާނެއެވެ.

މި ސީޒަނަކީ ކައިރި މާޒީއަށް ބަލާއިރު ބާސާގެ އެންމެ ކާމިޔާބު ސީޒަން ކަމަށް ގިނަ ބަޔަކު ދެކޭ އިރު، ރެއާލް މެޑްރިޑުގެ ހާލަތު މުޅިން ތަފާތެވެ. މިދިޔަ ސީޒަނުގައި އެ ކުލަބުން ލަ ލީގާގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަރ ކަޕް އާއި ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ކާމިޔާބުކުރި ނަމަވެސް މި ސީޒަނުގައި ވާދަވެރި ތައްޓެއް އުފުލާލުމުގެ ފުރުސަތު އެޓީމަށް އޮތީ ލަލީގާގައި އެކަންޏެވެ.

މި ސީޒަންގައި ދެ ޓީމުގެ ނަތީޖާތަކަށް ބަލާއިރު، ބާސާއިން ވަނީ ފައިނަލުގެ އިތުރު ވަގުތުގައި ރެއާލް ބަލިކޮށް ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފަ އެވެ. އަދި މި ދެ ޓީމު ވެސް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުއާ އަލްވަދާޢު ކިޔާފައެވެ. ރެއާލް މެޑްރިޑް މުބާރާތުން ކަޓާފައިވަނީ ކުއާޓަރ ފައިނަލްގައި އިނގިރޭސިވިލާތުގެ އާސެނަލް އަތުން 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. އަދި ބާސާ ކަޓާފައި ވަނީ ސެމީ ފައިނަލްގައި އިޓަލީވިލާތުގެ އިންޓަރ މިލާން އަތުން 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެގެންނެވެ.

އަދި މި ސީޒަނުގައި ދެ ޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، ސީޒަންގެ މިހާތަނަށް އައި އިރު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައި ވަނީ ބާސާއިންނެވެ. ލީގުގެ ފުރަތަމަ ބުރުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗު، 4-0 ގެ ބޮޑު ތަފާތަކުން ބާސާ ކާމިޔާބުކޮށްފައި ވާއިރު، ދެވަނަ މެޗު ކާމިޔާބުކޮށްފައި ވަނީ ކޮޕަ ޑެލް ރޭ ގެ ފައިނަލުގެ އިތުރު ވަގުތުގައި 2-3 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ދެ ޓީމު ނުކުންނަ އިރު، ރެއާލްގެ ޑިފެންސް ލައިންގެ ފުރަތަމަ ޗޮއިސްގެ ހުރިހާ ކުޅުންތެރިންނާ ކަހަލަ ގޮތަކަށް ވަނީ އަނިޔާގެ މައްސަލަތަކާ ދިމާވެފައެވެ. އެގޮތުން ޖަރުމަންގެ އެންޓޯނިއޯ ރުޑިގަރގެ އިތުރުން ބްރެޒިލްގެ ފަރލަނޑް މެންޑީ އަދި އެޑަރ މިލިޓާއޯ ފާހަގަކޮށްލެވެއެވެ. ބާސާއަށް ބަލާއިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރެއިން ސްޕެއިންގެ ޕަބްލޯ ޓޫރޭ އަދި ޕްރާންސްގެ ޖޫލްސް ކޫންޑޭ ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު