ENGLISH

18 މޭ 2025

Advertisement

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފުވާކަމަށް އިންޑިޔާ އާއި ޕާކިސްތާނުން ވެސް ތުހުމަތު

11 މޭ 2025

|

ހަސަން އާމިރު

އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެ ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިޢުލާނުކުރިތާ، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެ އެއްބަސްވުމާ ޚިލާފަށް ޙަމަލާތައް ދީފައިވާކަމުގެ ތުހުމަތު ދެ ޤައުމުން ވެސް ކޮށްފިއެވެ.

އިންޑިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ޕާކިސްތާނުން ދިން ޙަމަލާތަކުގެ ރައްދު އިންޑިޔާގެ އަސްކަރިއްޔާއިން ދީފައިވާ ކަމަށެވެ.

އޭގެ ރައްދުގައި ޕާކިސްތާނުން ބުނީ، ސުލްޙަ ދެމެހެއްޓުމަށް ތައްޔާރަށް އޮތް ނަމަވެސް، އެއްބަސްވުމާ ޚިލާފަށް އިންޑިޔާއިން ހިންގާ ޢަމަލުތަކަށް "ޒިންމާދާރު" ކަމާއެކު ރައްދު ދެމުންދާ ކަމަށެވެ.

ސުލްޙައިގެ އެއްބަސްވުން އިޢުލާނުކުރި ފަހުން ވެސް، ކަޝްމީރުގެ ބޯޑަރު ސަރަޙައްދުގައި ބާރުގަދަ ގޮވުންތަކާއި ބަޑީގެ ޙަމަލާތައް ބަދަލުކުރުމުގެ އަޑުތައް އިވެމުންދާ ކަމަށް ބައެއް މީޑިޔާ ރިޕޯޓުތައް ބުންޏެވެ.

އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ އެ ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.

މިދިޔަ ބުދަ ދުވަހު ދިން ވައިގެ ޙަމަލާތަކުގައި ހަނގުރާމަވެރިން ތިބި ނުވަ ކޭމްޕަކަށް ޙަމަލާދީފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.

އެ ޙަމަލާ އާއި އޭގެ ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި މިހާތަނަށް ދެ ފަރާތުން 50 އަށް ވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ.

މި ކުރިމަތިލުންތަކުގައި ދެ ޤައުމުން ވެސް އަސްކަރީ ޑްރޯންތައް ބޭނުންކުރަމުންދާއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް އިންޑިޔާގެ 77 ޑްރޯން ޕާކިސްތާނުގެ ވައިގެ ސަރަޙައްދުން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ވައިގެ ޙަމަލާތަކުގެ ނުރައްކަލަށް އިންޑިޔާގެ އުތުރުގެ ގިނަ އެއަރޕޯޓުތައް ބަންދުކޮށްފައިވާއިރު، ޕާކިސްތާނުން ވެސް ވަނީ ވައިގެ ސަރަޙައްދު އާންމު ވައިގެ ދަތުރުފަތުރަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު