ENGLISH
18 މޭ 2025
ޚަރަދު ހަމަޖައްސައިދޭ ގޮތަށް ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި
11 މޭ 2025
|
ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކިން އަދި ފައިނޭންސް ދާއިރާއާ ގުޅޭ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ އެ ފުރުސަތު ހުޅުވާލީ ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ މަގްސަދުގައި ކަމަށެވެ.
ސްކޮލަރޝިޕް ފުރުސަތާއެކު ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީއަކުން ބޭންކިން އަދި ފައިނޭންސް ދާއިރާއިން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލްއިން ބުނީ ސްކޮލަރޝިޕްތަކާއެކު މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ގާބިލްކަން އިތުރުކުރުމަށް އެ ބޭންކުން ކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
"މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް
ފަންޑަށް އެދި ހުށަހަޅައިގެން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ގިނަ އިނާޔަތްތަކެއް ފޯރުކޮށްދޭނެއެވެ. އެގޮތުން ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އަދި ދަތުރުފަތުރުގެ ޚަރަދު ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރާއި 25 އަހަރުގެ ދެމެދުގެ ޒުވާނުންނަށެވެ. ހުށަހަޅާއިރު މައިގަނޑު އެއް ޝަރުތަކީ އޭލެވެލްގެ ހުރިހާ މާއްދާއަކުން ފާސްވެފައިވުމެވެ.
ސްކޮލަރޝިޕް ފަންޑަށް އެދި ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖޫން 10 ވަނަ ދުވަހެވެ. ފަންޑަށް އެދި ހުށަހަޅާއިރު ބޭނުންވާ އިތުރު މައުލޫމާތުތައް ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލްއިން ސްކޮލަރޝިޕް ފަންޑް ތައާރަފްކުރީ 2022 ވަނަ އަހަރު އެވެ. އޭގެފަހުން މިހާތަނަށް ނުވަ ދަރިވަރަކަށް ވަނީ ފަންޑުގެ އެހީގައި ސްކޮލަރޝިޕް ފުރުސަތުދީފައެވެ. އެ ދަރިވަރުން އަންނަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލްކުރަމުންނެވެ.