ENGLISH
04 ޖޫން 2025
އެތުލެޓިކޯ މޮޅުވިއިރު ސޯލޯތު އަށް ރެކޯޑެއް
11 މޭ 2025
|
ރޭގެ މެޗުގައި އެތުލެޓިކޯގެ ފޯވާޑް، ސޯލޯތު (ކ) ސޮސިއެޑާޑް ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން 4-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް، އަލެކްސެންޑާ ސޯލޯތު ރެކޯޑެއް ޤާއިމުކޮށްފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ތިރީސް މިނެޓުގެ ތެރޭގައެވެ. އެ ޓީމުން ޖެހި ހަތަރު ލަނޑު ވެސް ކާމިޔާބުކުރީ ނޯވޭގެ ފޯވާޑް، ސޯލޯތު އެވެ. މީގެތެރެއިން، އޭނާ ވަނީ ފުރަތަމަ 11 މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައި، ލީގުގެ ތާރީޚުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މި މެޗުގައި ޖެހި ލަނޑުތަކާއެކު ލީގުގައި އެތުލެޓިކޯ އަށް ސޯލޯތު ޖަހައިދިން ގޯލްގެ އަދަދު ވަނީ 17 އަށް އަރާފައެވެ. މިއާއެކު، ލީގުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
މީގެކުރީން، މިދިޔަ އަހަރުގެ މެއި މަހުގައި ވިޔަރެއާލަށް ކުޅެމުން ސޯލޯތު ވަނީ ރެއާލް މެޑްރިޑް ކޮޅަށް ވެސް ހަތަރު ލަނޑު ޖަހައިފައެވެ. އެ ފަހަރު އޭނާގެ ހަތަރު ލަނޑު ފެނުނީ 56 މިނެޓުންނެވެ.
މި މޮޅާއެކު، އެތުލެޓިކޯ އުޅެނީ ލީގުގެ ތިންވަނައިގައެވެ. އެ ޓީމަށް 35 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ބާސެލޯނާއާ އެ ޓީމާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ދެވަނައިގައި ރެއާލް އޮތީ 75 ޕޮއިންޓާއެކު އެވެ.
މި މެޗުން ބަލިވި ސޮސިއެޑާޑް އުޅެނީ ތާވަލްގެ 12 ވަނައިގައެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެއް ނުވެއެވެ. ސޮސިއެޑާޑަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.