ENGLISH
18 މޭ 2025
އިންޑިޔާ އާއި ޕާކިސްތާނުން ހަމަލާތައް ބަދަލުކުރުން ހުއްޓައިލަން އެއްބަސްވެއްޖެ: ޓްރަމްޕު
10 މޭ 2025
|
އިންޑިޔާގެ ސިފައިންގެ މީހަކު ހަތިޔާރާއެކު، ފޮޓޯ: ރޮއިޓާސް
އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެ ދެ ގައުމުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ކަޝްމީރުގައި ހަނގުރާމަވެރިންގެ ބަޔަކު ފަތުރުވެރިންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ އިންޑިޔާއިން ޕާކިސްތާނުގެ އެތެރެއަށް ވައިގެ މަގުން ހަމަލާތައް ދިނުމާއެކު، ޕާކިސްތާނުން ވެސް އިންޑިޔާއަށް ރައްދުގައި ހަަމަލާ ދޭން ފަށައި ދެ ގައުމުގެ މެދުގައި ގިނަ ހަމަލާތަކެއް ބަދަލުކޮށްފަައިވެއެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގެ ނިއުކުލިއާ ދެބާރުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، ޕާކިސްތާނުގެ ނިއުކުލިއާ ހަތިޔާރުގެ ކަންކަން ބަލަހައްޓާ އަސްކަަރީ އަދި މަދަނީ އިދާރާގެ ބައްދަލުވުމެއް މިއަދު އޮންނާނެކަން އެގައުމުން އޮތީ އިއުލާނުކޮށްފައެވެ.
ފަހުން ޕާކިސްތާނުގެ ދިފާއީ ވަޒީރުވަނީ އެފަދަ ބައްދަލުވުމެއް ތާވަލުކޮށްފައި ނެތްކަމަަށް ވިދާޅުވެފައެވެ.
ޓުރަމްޕް ޓްރޫތު މީޑިޔާގައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ ރޭ ދިގުލައިގެން ދިޔަ މަޝްވަރާތަކަށް ފަހު އިންޑިޔާއާއި ޕާކިސްތާނުން ހަމަލާތައް ބަދަލުކުރުން އެކުއެކީ މިހާރުން މިހާރަަށް ހުއްޓައިލަން އެއްބަސްވެފައިވާ ކަމަށެވެ. އަދި ހަމަބުއްދި ބޭނުންކޮށް ތޫނުފިލިކަން އިސްކޮށްގެން އެ ނިންމުން ނިންމާފައިވާތީ އެ ދެ ގައުމުގެ ވެރިންނަށް ޓުރަމްޕު ޝުކުރު އަދާކުރެއްވިއެވެ.
އިންޑިޔާއިން ޕާކިސްތާނަށް ހަމަލާދިންއިރު ރޭ އިންޑިޔާގެ ދަށުގައި އޮންނަ ކަޝްމީރުގެ ވެރިރަށް ސްރިނަގަރްގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުއިވުނުކަމަށް ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން ދެ ގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ވަރަށް ބޮޑަށް އޮތްކަމަށް މުހައްލިލުން ގެންދެވީ ފާހަގަކުރައްވަމުންނެވެ.
ޓުރަމްޕް އިއުލާނުކުރެއްވި ފަދައިން ދެ ގައުމުން ހަމަލާ ބަދަލުކުރުން ހުއްޓައިލަން އެއްބަސްވެއްޖެނަމަ ސަހަރައްދީ ހަމަޖެހުން އެއްކޮށް ނެތިގެންދިއުމުގެ ބިރު މިވަގުތަށް ފިލައިގެންދާނެއެވެ.