ENGLISH
09 މޭ 2025
އެމެރިކާއާ އެކު ސޮއިކުރި މައުދަނުގެ އެއްބަސްވުމަށް ޔޫކްރޭނުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދީފި
09 މޭ 2025
|
އެތައް މަހަކަށް ދިގުލައިގެންދިޔަ މަޝްވަރާތަކަށް ފަހު، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުން ނަފާ ހޯދުމަށް އެމެރިކާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމަށް ޔޫކްރޭނުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.
ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން ފޯރުކޮށްދީފައިވާ އަސްކަރީ އެހީގެ އަގު އަދާކުރަން، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތައް ދިނުމުގެ އެއްބަސްވުމަކަށް އެމެރިކާއިން ޕްރެޝަރުކުރަން ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވަޑައިގެންނެވުމާ އެކުއެވެ.
ޔޫކްރޭނަކީ، މަތިންދާބޯޓާއި، ބެޓެރި، ހަތިޔާރު އަދި އިލެކްޓްރޯނިކްސް އުފެއްދުމުގައި ބޭނުންކުރާ ގްރެފައިޓް، ލިތިއަމް އަދި ޓައިޓޭނިއަމް ފަދަ އަގުބޮޑު މައުދަނުތަކުން މުއްސަނދި ޤައުމެކެވެ.
މި މަހުގެ އެއްވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ހަނގުރާމައަށް ފަހު، ޔޫކްރޭނު އަލުން އާރާސްތުކުރުމަށް ޚާއްސަ ފަންޑެއް ވެސް ޤާއިމުކުރެވޭނެއެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުގެ ނަފާ، ބަހާނީ ދެ ޤައުމުގެ ދެމެދުގައި ހަމަހަމައަށެވެ.
އެ އެއްބަސްވުމަށް ޔޫކްރޭނުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދީފައި ވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 338 މެމްބަރުންގެ އިއްތިފާގުންނެވެ.
މި އެއްބަސްވުމަށް ޔޫކްރޭނުގެ ޤާނޫނު ހަދާ މަޖިލީހުގެ މިހާބޮޑު ތާއީދެއް ލިބިފައިވިޔަސް، މި އެއްބަސްވުމުގެ ދަށުން އުފައްދާ ފަންޑު ބެލެހެއްޓުމާއި ޚަރަދު ކުރާނެ ގޮތުގެ ތަފްޞީލް ސާފުނުވުމުގެ ކަންބޮޑުވުން އެބައޮތެވެ.
އަދި ރަޝިޔާއާ އެކު ކުރަމުންދާ ހަނގުރާމައަށް ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ފޯރުކޮށްދޭނެ އަސްކަރީ އެހީގެ ތަފްޞީލެއް ވެސް އެއްބަސްވުމުގައި ސީދާ ބަޔާންކޮށްފައިވާނުވާތީ، އެކަމާމެދު ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ.
މައުދަނުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އޭރު ހަމަޖެހިފައި އޮތީ، މިދިޔަ ފެބްރުއަރީ މަހު ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުން ދެ ރައީސުންގެ މެދުގައި ބޮޑު އަރައިރުމަކަށް ބަދަލުވެ، ބައްދަލުވުން ވެސް ކުރުކޮށްލީއެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގެ ބައްދަލުވުން ހޫނުވީ، ރަޝިޔާގެ ރައީސް ވްލެޑެމިޔަރ ޕޫޓިންއާ އެކު މަޝްވަރާ އިސްކޮށް، ސުލްޙަވެރި ޙައްލެއް ގެންނަން ޒެލެންސްކީއަށް ބާރު އަޅަން ފެށުމުންނެވެ.
އެއާ އެކު ދެ ރައީސުންގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ވެސް ބަދަލުކުރެވުނެވެ.