ENGLISH
09 މޭ 2025
ކޮންފަރެންސް ލީގުގެ ފައިނަލުގައި ޗެލްސީ އާއި ބެޓިސް ބައްދަލުކުރަން ޖެހިއްޖެ
09 މޭ 2025
|
ޗެލްސީއާއި ޖާގާޑެން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތަކަށްފަހު ޗެލްސީ އާއި ރެއާލް ބެޓިސް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ސްވިޑެންގެ ޖާގާޑެން އަތުން 1 0-އިން އެ ޓީމު މޮޅުވެ، ފައިނަލުން ޖާގަ ހޯދީ 5-1 ގެ އެގްރިގޭޓުންނެވެ. އަނެއް ސެމީގައި ފިއޮރެންޓީނާއާ ބެޓިސް ބައްދަލުކުރި މެޗުގެ ނަތީޖާ ނެރެވުނީ އިތުރުވަގުތުގެ ކުޅުމަށްފަހު އެވެ. މި މެޗުން 2-2 އިން ދެ ޓީމު އެއްވަރުވިއިރު، ބެޓިސް އަށް ކުރިލިބުނީ 4-3 ގެ އެގްރިގޭޓުންނެވެ.
ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑުޖެހީ ކިއެނާން ޑޫސްބަރީ-ހޯލް އެވެ.
މުބާރާތުގެ ދެވަނަ ސެމީގައި ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ ރޮބިން ގޮސެންސް އެވެ. ބެޓިސްގެ ދެ ލަނޑުޖަހައިދިނީ މެންޗެސްޓަރ ޔުނައިޓެޑްގެ ލޯނެއްގައި އެ ޓީމަށް ކުޅެމުންއަންނަ އެންތޮނީ އާއި އަބްދެއްސަމަދު އެޒަލްޒޫލީ އެވެ. މީގެތެރެއިން، އެޒަލްޒޫލީގެ ގޯލްޖެހީ އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައެވެ.
މި މުބާރާތުގެ ފައިނަލުގައި ޗެލްސީ އާއި ބެޓިސް ބައްދަލުކުރާ މެޗު އޮތީ މި މަހުގެ 28 ގައެވެ. މި މެޗު ކުޅޭނީ ޕޮލެންޑުގައެވެ.