ENGLISH
18 މޭ 2025
ޔުރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑާއި ޓޮޓްނަމްގެ ކުރިމަތިލުމެއް
09 މޭ 2025
|
ބިލްބާއޯ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި 4-1 އިން އެތުލެޓިކް ބިލްބާއޯ އަތުން ޔުނައިޓެޑް މޮޅުވިއިރު، އެ ޓީމުން ފައިނަލަށް ދަތުރުކުރީ 7-1 ގެ އެގްރިގޭޓުންނެވެ. ރަށުން ބޭރުގައި ޓޮޓްނަމް ވަނީ 2-0 އިން ބޯޑޯ/ގްލިމްޓް ބަލިކޮށް، 5-1 ގެ އެގްރިގޭޓުން ފައިނަލުން ޖާގަ ހޯދާފައެވެ.
އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު، މޭސަން މައުންޓް އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖެހީ ކަސެމީރޯ އާއި ރަސްމުސް ހޮއިލުންޑް އެވެ.
މި މެޗުގައި ބިލްބާއޯ އިން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ މިކޭލް ޖައުރެގިޒަރް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބޯޑޯ/ ގްލިމްޓްގެ ދަނޑުގައި ޓޮޓްނަމް މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އާއި ޕެޑްރޯ ޕޮރޯ އެވެ.
މުބާރާތުގެ ފައިނަލުގައި ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރާ މެޗު ކުޅޭނީ މި މެއި މަހުގެ 21 ވަނަ ދުވަހު އެވެ.