ENGLISH
18 މޭ 2025
ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
08 މޭ 2025
|
ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާއި، ޓެކްސް ރޭޓްތަކަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، އެ ސިނާޢަތާ ގުޅުންހުރި ޓެކުހުގެ ބާވަތްތަކުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެެއްޖެއެވެ.
މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު ހިމަނައިގެން މާލީ ވުޒާރާއިން ޢާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ އާމްދަނީ 73.7 އިންސައްތައިން އިތުރުވެފައިވެއެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީ ވަނީ 31.9 އިންސައްތައިން އިތުރުވެފަ އެވެ. އޭގެ އިތުރުން، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ 5.3 އިންސައްތައިން އިތުރުވެފަ އެވެ.
ނިމިގެންދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް-ނޫން އާމްދަނީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 32.3 އިންސައްތައިން އިތުރުވެފައިވެއެވެ. އެގޮތުން، މި އާމްދަނީގެ 20.1 އިންސައްތަ ހިއްސާކުރަނީ ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، 1 މެއި 2025 ގެ ނިޔަލަށް ދައުލަތް ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން އަދި ދަތުރުފަތުރުގެ ހަރަދު 21.8 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު 3.3 އިންސައްތައިން ވަނީ ދަށްވެފަ އެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ޚަރަދުގެ ތެރެއިން، 1 މެއި 2025 ގެ ނިޔަލަށް ހިނގާފައިވަނީ 24.3 އިންސައްތަ އެވެ.
މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް، އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ހުރީ 12.0 ބިލިޔަން ރުފިޔާގައި ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.