ENGLISH

09 ޖުލައި 2026

Advertisement

ފަންނުވެރިންގެ ބައިވެރިވުމާއެކު ތަރިކައިގެ ދާއިރާއިން ކުރެވޭނެ ގިނަ ކަންތައްތަކެއް ދެނެގަނެވިއްޖެ: ހީނާ

09 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

"ތަރިކަވެރިންގެ އަޑު" ބައްދަލުވުމުގައި ވަޒީރު ހީނާ ވާހަކަދައްކަވަނީ، ފޮޓޯ: ޕީއެސްއެމް

ފަންނުވެރިންގެ ހިޔާލާއި ބައިވެރިވުމާއެކު ތަރިކައިގެ ދާއިރާއިން ކުރެވިދާނެ ގިނަ ކަންތައްތަކެއް ދެނެގަނެވިފައިވާކަމަށް ފަންނާއި ތަރިކައާއި ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

އިއްޔެ "ފަންނުވެރިންގެ އަޑު"ގެ ނަމުގައި ކުރިއަށްގެންދިޔަ ތަރިކައާ ގުޅޭ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހީނާ ވިދާޅުވީ މި ބައްދަލުވުމަކީ ތަރިކައާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނުވެރިންނާއެކު ބޭއްވެވި މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި ތަފާތު ދާއިރާތަކުން ގިނަ އަދަދެއްގެ ފަންނުވެރިންނާއި މަސައްކަތްތެރީން ބައިވެރިވެވަޑައިގަތެވެ. އެގޮތުން ދިވެހި ބޭސްވެރިކަމާއި، ކުރެހުމާއި، ތަރިކައާ ގުޅުންހުރި އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. 

ފަންނުވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކާއި، ތަރިކައާއި ފަންނުގެ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހިޔާލު ބަދަލުކުރެއްވުމުގެ ތެރެއިން އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެއްވޭނެ މަސައްކަތްތައް އެނގިވަޑައިގެންފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަންނުވެރިން ފާޅުކުރެއްވި ޝުއޫރުތަކާއި ހިއްސާކުރެއްވި ހިޔާލުތަކުގެ މައްޗަށް ބިނާކުރައްވައި، އެ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި ކުރިއެރުއްވުމަށް ކުރެއްވޭނެ ކަންކަން އެނގިވަޑައިގެންފައިވެއެވެ. 

"ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންގެ އަޑުއަހައިގެން ދާއިރާގެ ފަންނުވެރި ބޭބޭފުޅުން ދައްކަވާ ވާހަކަތަކާއި ދެއްވާ އިރުޝާދާ ޚިޔާލުވެސް އަޑު އައްސައިވައިގެން ކުރިއަށްދިޔުން. އަމާޒަކީ ފަންނުވެރި ބޭފުޅުން ވިދާޅުވާ ވާހަކަތައް އަޑުއަހައިގެން ޚިޔާލާއި މަޝްވަރާއާއެކު ދާއިރާގެ ކަންކަން ބައްޓަންވެގެންދިޔުން.،" ވަޒީރު ވިދާޅުވިއެވެ. 

ތަރިކައިގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިއްމު ވައުދުފުޅަކީ ދިވެހިރާއްޖޭގެ ގައުމިއްޔަތު އިއާދަކުރެއްވުމުގެ ވައުދުފުޅެވެ. އަދި އެ ވައުދުފުޅުގެ ދަށުން މަދުރަސާތަކުގައި ގައުމިއްޔަތު އުނގަންނައިދޭން ފަށާފައިވާއިރު، މާނަވީ ތަރިކަ ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްްތަކެއް ފެށިފައިވެއެވެ. 

ތަރިކައިގެ ދާއިރާއިން ކުރެވެމުންދާ އެންމެ މުހިއްމު މަސައްކަތަކީ ތަރިކަ ހިމާޔަތްކުރުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީ އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަަތެވެ. 

ކިޔުންތެރިންގެ ހިޔާލު