ENGLISH

09 ޖުލައި 2026

Advertisement

ސްކޫލު ތެރެއިން ދަރިވަރުންނަށް ޒަމާނީ ދަނޑުވެރިކަމުގެ ތަޖުރިބާ ލިބޭ "ވިލުންވެށި" ރަށްރަށަށް ފުޅާކުރަނީ

09 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

"ވިލުންވެށި ޕްރޮގުރާމް"ގެ ދަށުން ގާއިމުކުރި ފުރަތަމަ ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަދުރަސީ މާހައުލުގެ ތެރެއިން ދަރިވަރުންނަށް ޒަމާނީ ދަނޑުވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިއްބައިދިނުމަށް ކުރިއަށްގެންދާ "ވިލުންވެށި" ޕްރޮގުރާމު ރަށްރަށު ސްކޫލުތަކުގައިވެސް ކުރިއަށްގެންދަން ގަސްތުކުރައްވާކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ. 

ވިލުންވެށި ޕްރޮގުރާމަކީ ސްކޫލުތަކުގައި ގާޑަންތައް ތައާރަފުކޮށް، އެ ގާޑަންތަކުގައި ޒަމާނީ އެކި އުކުޅުތަކާއި ފަހުގެ ފަންނިއްޔާތުގެ އެހީގައި ދަނޑުވެރިކަން ކުރުމުގެ ތަޖުރިބާ ދަރިވަރުންނަށް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގެ ދަށުން ފުރަތަަމަ ހުޅުވި ގާޑަން ނުވަތަ ދަނޑު ހުޅުވާފައިވަނީ މާލޭގައި ހުންނަ ހިރިޔާ ސްކޫލުގައެވެ. 

ހިރިޔާ ސްކޫލުގައި ހުޅުވި ބަގީޗާއަށް "ގާޑަން އޮފް ގްރޯތު"ގެ ނަންދީފައިވާއިރު، މި ދަނޑަކީ ދަރިވަރުންނަށް ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތައް ތަޖުރިބާކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ދަނޑެއް ނުވަތަ ބަގީޗާއެއްކަމަަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ވަޒީރު އަލީ ޝަރީފު ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ތައުލީމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ދަނޑުވެރިކަމުގައި މިޒަމާނުގައި ބޭނުންކުރާ އާލާތްތަކާއި އުކުޅުތަކާ ގުޅޭ މައުލޫމާތާއި، ތަޖުރިބާ ދަރިވަރުންނަށް ސްކޫލު މާހަައުލުން ލިބޭނެ މަގުފަހިކުރުން ކަމަށެވެ. 

ގްރީން ހައުސްތަކާއި، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ މަފުހޫމުތައް ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރަށް، އެކަންކަން އަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމަކީ މި ޕްރޮގުރާމުގެ އެންމެ މުހިއްމު ބޭނުމުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

"ހުސްއެކަނި ކިޔެވުމުގެ އިތުރުން، އެ އެކްސްޕިރިއަންސްކޮށްފައި އަދި ރާއްޖޭގައި މިކަމަކީ ހަމަ ފުޅާދާއިރާއެއްގައި މިހާރުވެސް ކުރަމުންދާ އަދި ކުރެވިދާނެ ކަމެއް ކަމަށް ކުދިންނަށް މީތި އިންސްޕާއަކޮށް، ދެން އޮތް ޖެނެރޭޝަނަށްވެސް މީތީގައި މި ބެނިފިޓްތަކެއް އެބަހުރި ކަމާއި، ރާއްޖޭގައި މިކަން ކުރެވިދާނެ ކަމަށް މި ކުދިންނަށް، އެ ވިސްނައިދީގެން ދެން އޮތް ޖެނެރޭޝަން ތައްޔާރުކުރަން މަސައްކަތް ކުރަނީ.،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލޭގެ އިތުރު ސްކޫލުތަކާއި އަތޮޅު ތެެރޭގެ ސްކޫލުތަކަށް މި ޕްރޮގުރާމު ފުޅާކޮށް، ގިނަ ސްކޫލުތަކެއްގައި މިފަަދަ ބަގީޗާތައް ގާއިމުކުރުމެވެ. އެއިރުން ކްލާހުގައި ދަރިވަރުން އުނގެނޭ ފިލާވަޅުތަކާ ގުޅޭ އަމަލީ ތަޖުރިބާތައް ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު