ENGLISH

09 ޖުލައި 2026

Advertisement

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ޑެންޓަލް ކްރައުނިންއާ އިމްޕްލާންޓްގެ ހިދުމަތް ތައާރަފް ކުރުމަށް މަސައްކަތް ކުރަނީ

09 ޖުލައި 2026

|

އާމިނަތު ނުޒްލާ

ދިވެހި ސަރުކާރުން ދެމުންދާ ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ޑެންޓަލް ކްރައުނިންއާ އިމްޕްލާންޓްގެ ހިދުމަތް ތައާރަފް ކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން ދެމުންދާ ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރައްޒާގު ވިދާޅުވީ، ބައެއް ހިދުމަތްތަކަކީ، އާއްމު ބަލިމީހާ ބޮޑު ހަރަދުތަކެއްކޮށްގެން ހޯދަމުން އަންނަ އަސާސީ ހިދުމަތްތަކެއް ކަމަށެވެ. އެގޮތުން ޑެންޓަލް ކްރައުނިންއާ އިމްޕްލާންޓް ފަދަ ހިދުމަތްތަކަށް ރައްޔިތުން ބޮޑު ހަރަދުތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވިދާޅުވީ، އެ ހިދުމަތްތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގައި ތަޢާރަފުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"ދަތުގެ ފަރުވާ އަކީ ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ ދާއިރާ. އަނގައިގެ ސިއްހަތުގެ ނުވަތަ އޯރަލް ފަރުވާއަކީ، އަޅުގަނޑުމެންނަށް އެކަމަށް ދޭންވާ ސަމާލުކަން އެންމެ ރަނގަޅަށް ނުދެވޭކަމައް. ހަގީގަތުގެ އޯރަލް ހެލްތަކީ ތިމާގެ މުޅި ސިއްހަތު ސަލާމަތުން ހުރުމަށް ނުހަނު ބޮޑަށް ގުޅި ލާމެހިފައިވާ އަދި އުފާވެރިކަމާ ހަމަޖެހުމާއެކު ދިރިއުޅުމަށް ނުވަތަ ކޮލިޓީ އޮފް ލައިފްގެ އެންމެ ބޮޑު އެއްބައި." އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.   

ރާއްޖޭގައި ދެމުން އަންނަ ދަތުގެ ހިދުމަތްތައް ދިނުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ޓީމަކީ ޤާބިލް ޓީމެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެހެންކަމުން އެޓީމުން 'ސެޑޭޝަން ޑެންޓްރިސްޓްރީގެ' ހިދުމަތް ތައާރަފްކޮށް، ޑެންޓަލް ލެބް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

ސެޑޭޝަން ޑެންޓިސްޓްރީއަކީ ދަތުގެ އެކި ފަރުވާތައް ކުރިއަށްދާއިރު ބަލިމީހާ ހަމަޖެހިލައިގެން އިނުމަށް އެހީތެރިވުމުގެ ގޮތުން ބޭސް ބޭނުންކޮށްގެން ދެވޭ ފަރުވާއެކެވެ. މިފަދަ ފަރުވާތައް އާންމުކޮށް ދެނީ ދަތުގެ ފަރުވާއަށް ބިރުގަންނަ ފަރާތްތަކަށާއި، ތަދު ކެތްކުރުމުގެ ގާބިލިއްޔަތުކަން ކުޑަ މީހުންގެ އިތުރުން، ފަރުވާ ކުރާއިރު މާބޮޑަށް މޭނުބައިކުރާ ނުވަތަ އޯކަށްދެމޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު