ENGLISH

09 ޖުލައި 2026

Advertisement

މިސްރުގެ ކޯޗު ހަސަންގެ އެއްބަސްވުން އައުކޮށްފި

09 ޖުލައި 2026

|

އިސްމާއިލް ޝާހު

މިސްރުގެ ކޯޗު ހުސާމް ހަސަން --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި މިސްރުގެ ދަތުރު ގަދަ 16 އާ ހަމައިން ނިމުމަކަށް އައި ނަމަވެސް، ކޯޗު ހުސާމް ހަސަންގެ އެއްބަސްވުން އައުކުރަން އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި، އެ އިދާރާގެ ރައީސް ހާނީ އަބޫ ރިދާ ވަނީ ޤައުމީ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން އާއި ޓީމު ޑައިރެކްޓަރުގެ މަގާމުގައި ހުރި އޭނާގެ އެއްމާބަނޑު ބޭބެ އިބްރާހީމް ހަސަންގެ އެއްބަސްވުން އައުކުރުމަށް ބޯޑުން ފާސްކޮށްފައިވާކަން އިއުލާންކުރައްވާފައެވެ.

އުމުރުން 59 އަހަރުގެ ހަސަން މިސްރުގެ ކޯޗުގެ މަގާމާ ހަވާލުވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިސްރު ވަނީ 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އޭނާ މީގެ ކުރިން ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޤައުމީ ޓީމާއެކު މަސައްކަތް ކުރަމުން ދިޔައީ ރަސްމީ އެއްބަސްވުމެއް ނެތިއެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅެ 3-1 އިން ހޯދި މޮޅަކީ، ހަސަންގެ އިރުޝާދުގެ ދަށުން މިސްރުން ވޯލްޑް ކަޕުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މުބާރާތުގެ ދެވަނަ ބުރުގައި އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، މިސްރު ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ނަމަވެސް ކުއާޓާ ފައިނަލުން ފުރުސަތު ހޯދުމަށް ކުރި މަސައްކަތުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަތުން 3-2 އިން ވަނީ ބަލިވެފައެވެ.

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަކީ ހިތްދަތި ނަތީޖާއަކުން ނިމުނު މެޗެކެވެ. އެގޮތުން މެޗު ނިމެން 11 މިނެޓާ ހަމައަށް މިސްރުން ދެ ލަނޑުގެ ލީޑެއް ދަމަހައްޓައި، ތާރީޚީ ކުއާޓާ ފައިނަލަކާ ފިޔަވަޅަކާ ގާތަށް ޖެހިލިއެވެ. ނަމަވެސް މެޗުގެ ފަހުކޮޅު އާޖެންޓީނާއިން ތިން ލަނޑު ޖަހައި ނަތީޖާ އަނބުރާލީއެވެ.

މި މެޗުގައި ރެފުރީގެ ބައެއް ނިންމުންތަކާ މެދުވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ރެފުރީގެ މައްސަލަ ބަލައިދިނުމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާއަށް ހުށަހަޅާފައިވާއިރު، އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވަނީ ރެފުރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، މުބާރާތުގެ ބާކީ ހުރި އެއްވެސް މެޗެއް ދެން އޭނާ ނުބަލާނެ ކަމަށް ބުނެފައެވެ.

ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، މުޅި މުބާރާތުގައި މިސްރުން ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ޓީމުގެ ކުޅުންތެރިން ދެއްކި ކެތްތެރިކަމާއި، ރޭވުންތެރިކަމުގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ އެއްވަރަށް ވާދަކުރުމުގެ ގާބިލުކަން ފެނިގެންދިއުމަކީ ސަޕޯޓަރުންނަށް އޮތް ބޮޑު އުއްމީދެކެވެ.

އައު އެއްބަސްވުމުގެ މުއްދަތު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިސްރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް އޭނާ މަގާމުގައި ދެމިހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު