ENGLISH

09 ޖުލައި 2026

Advertisement

ކްލަބް މޯލްޑިވްސް ކަޕް: ކުއާޓާގެ ފަހު ޖާގަތައް އެމްޓީސީސީ، އެސްޓީއޯ، އާރްއާރްސީ އަދި އެޗްޑީސީއަށް

09 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަބް މޯލްޑިވްސް ކަޕުގައި އެމްޓީސީސީ އާއި ޑީއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް ކުލަބު އެމްޓީސީސީ، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަދި ކުލަބު އެޗްޑީސީން ހޯދައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި އެސްޓީއޯ އާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާގެ ޖާގައެއް އެމްޓީސީސީން ހޯދީ ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަތުން ފަސޭހަކަމާއެކު 7-0 ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުން އެސްޓީއޯ ވަނީ ހަމަ އެ ނަތީޖާއިން ޓީމު އެފްއެސްއެމް ބަލިކޮށްފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނަ ހޯދި އެމްޓީސީސީ އާއި، ދެވަނައަށް ދިޔަ އެސްޓީއޯއަށް ހަތް ޕޮއިންޓް ލިބުނުއިރު، އެމްޓީސީސީއަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައަށް ދިޔަ އެފްއެސްއެމްއަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ޑީއެސްސީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި އާރްއާރްސީ އާއި އިމިގްރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ގްރޫޕް ޑީން ކުއާޓާގެ ޖާގައެއް އާރްއާރްސީން ހޯދީ ރޭ ކުޅުނު މެޗުގައި ކުލަބު އިމިގްރޭޝަން އަތުން 13-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ކުލަބު ވެމްކޯ އަތުން 6-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އެޗްޑީސީއަށް ވަނީ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގައެއް ލިބިފައެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި ވެމްކޯ އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނަ ހޯދި އާރްއާރްސީ އާއި، ދެވަނައަށް ދިޔަ އެޗްޑީސީ އަދި ތިންވަނައިގައި ނިންމި ވެމްކޯއަށް ނުވަ ޕޮއިންޓް ލިބުނުއިރު، ކުއާޓާގެ ޖާގަ ވެމްކޯއަށް ގެއްލުނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ހަތަރުވަނައަށް ދިޔަ އިމިގްރޭޝަނަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ފެން ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހަފުތާގެ ހޯމަ ދުވަހާއި، އަންގާރަ ދުވަހުގެރެއެވެ.

  • އެމްޕީއެލް - ކުލަބު އެޗްޑީސީ (13 ޖުލައި، 20:30)
  • ޔުނައިޓެޑް ބީއެމްއެލް - އެސްޓީއޯ އާރްސީ (13 ޖުލައި، 20:30)
  • ކުލަބު އެމްޓީސީސީ - އެމްއޭސީއެލް (14 ޖުލައި، 20:30)
  • އާރްއާރްސީ - ސްޓެލްކޯ އާރްސީ (14 ޖުލައި، 20:30)
ކިޔުންތެރިންގެ ހިޔާލު